އިސްލާމްދީން ގޮވައިލަނީ ތިމާ ބަލިތަކުން ރައްކާތެރިވެ، އަނެކުންވެސް ބަލިތަކުން ރައްކާތެރިކުރުމަށް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ މިއަދު ކުރިމަތިވެފައި މިވާ ކޮވިޑް 19ގެ ހާލަތު މިދަނީ އިތުރަށް ގޯސްވަމުން ކަމަށާއި މިއީ އަޅައިނުލައި ދޫކޮށްލެވޭ ވަރުގެ ކުޑަކަމެއް ނޫން ކަމަށެވެ. އަދި ފަރުވާކުޑަކޮށްގެން ފަރުޖެއްސެން ވެސް ނެތް ކަމަށް ބުނެފައިވެއެވެ.
"މިކަމުން އަރައިގަތުމަށް ގިނަގިނައިން އަތްދޮވުމާއި، ގައިދުރުކަން ބެހެއްޓުމާއި، ތަންތަނަށް އެއްވެ ނޫޅުން ފަދަ ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް އިހުތިރާމު ކުރަންޖެހެއެވެ. އަދި ވެކްސިން ދިނުމަކީ މިކަމުން މުޅި މުޖުތަމައު ސަލާމަތްކުރުމަށްޓަކައި އޮތް ސަބަބެއްކަމުގައި ސިއްހީ މާހިރުން ގެންދަވަނީ ލަފާދެއްވަވަމުންނެވެ. އަދި ގައުމީ ފެންވަރުގައި ފަށާފައިވާ ވެކްސިން ދިނުމުގައި "ދިފާއު" ޕްރޮގްރާމު ފުރިހަމަކުރުމަށް ޑޮކްޓަރުންނާއި ކަމާބެހޭ އިދާރާތަކުން ދަނީ ބާރުއަޅުއްވަމުންނެވެ. އިސްލާމްދީން ގޮވައިލަނީ ތިމާ ބަލިތަކުން ރައްކާތެރިވެ އަނެކުންވެސް ބަލިތަކުން ރައްކާތެރިކުރުމަށެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ ބޮޑު މުސީބާތެއް ނުވަތަ ބަލިމަޑުކަމެއް ޖެހުމުން، މުސްލިމް އަޅާ އަމަލުކުރަންވީ ގޮތާއި ޝަރުއީ ހަމަތައް ދެނެގަތުމަކީ މުހިންމު ކަމެއް ކަމަށާއި އަދި ކެތްތެރިކަމާއެކު އަމަލުތައް ބެހެއްޓުމުން މުސްލިމުންނަށް ހުރި މަތިވެރި ސަވާބާއި ދަރުމައިގެ އުފާވެރިކަން ވެސް ހިތްމައްޗަށް ގެންނަން ޖެހޭ ކަމަށެވެ.
"ސިއްހަތާއި ދުޅަހެޔޮކަމަކީ އިންސާނާގެ ހަޔާތުގެ ހީވާގިކަމުގެ ފީތާއެވެ. އެއީ އޭނާގެ އާރައިބާރުގެ ހަކަތައެވެ. މިހެންވެ އިސްލާމްދީނުގައި އާއްމު ސިއްހަތަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވެއެވެ. އާއްމު ސިއްހަތާ ބެހޭ އަސާސަކީ ސާފުތާހިރުކަމެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި އިތުރަށް ބުނީ އާއްމު ސިއްހަތު ރައްކާތެރިކުރެއްވުމަށްޓަކައި މާތްﷲ ވަނީ އުސޫލުތަކެއް ކަނޑައަޅުއްވާފައި ކަމަށާއި އިންސާނާއަށް ގެއްލުން ލިބޭ އެއްޗެހި ކެއުމާއި ބުއިން ވަނީ ހަރާމް ކުރައްވާފައި ކަމަށެވެ. އަދި ދިރިއުޅޭ ތަންތަން ސާފުކޮށް ބޭއްވުމަށް އަންގަވައި، ފާހިޝް އަމަލުތަކަށް އަރައިނުގަތުމަށް އަމުރުކުރައްވާފައިވާ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު