ދީނުގެ ނަމުގައި ޖިންސީ އަދި ޖިސްމާނީ ގޯނާކޮށް މުޖުތަމައު ބައިބައިކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ ދިވެހި ގައުމިއްޔަތުގެ އެންމެ ވަރުގަދަ އަސާސަކީ މާތްވެގެންވާ އިސްލާމްދީނުގެ ސައްހަ އަގީދާ ދިވެހިންގެ ހިތްތަކުގައި އަށަގެންނެވުން ކަމަށެވެ.
އެގޮތުން އިސްލާމްދީނުގެ ރިވެތި އުސޫލުތައް ނެގެހެއްޓުމަށް މިދިޔަ އަހަރުގެ ތެރޭގައި ވެސް ސަރުކާރުން ވަރަށް މުހިންމު މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި، އަޅުގަނޑު ފާހަގަކުރާނީ ހަރުކަށި ފިކުރުގެ އޮއިވަރުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށް ކުރެވުނު މުހިންމު މަސައްކަތްތައް. އިސްލާމްދީނުގެ މަތިވެރި އިޖުތިމާއީ އުސޫލަކީ ކުޑަކުދިންނަށް އަޅައިލުމާއި، އެކަކު އަނެކަކަށް އެހީތެރިވެ އެކުވެރިކަމުގައި އުޅުން ކަމަށްވާއިރު، ދީނުގެ ނަމުގައި ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ އަދި ޖިސްމާނީ ގޯނާކޮށް ހައްގުތަކުން މަހްރޫމްކޮށް މުޖުތަމައު ބައިބައިކުރުމަށް އެއްވެސް ބަޔަކަށް މިފަސްގަނޑުގައި އެއްވެސް ފުރުސަތެއް ނުދެވޭނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު، ހަރުކަށި ފިކުރުގެ ބަޔަކު ރާއްޖެއަށް ޓެރަރިޒަމް ހަމަލާއެއް ދިނުމަށް ތައްޔާރުވަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ތ.ތިމަރަފުށިން ހައްޔަރު ކުރި އެފަދަ އަށް މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ވަނީ ފޮނުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު