ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ހިންގާ ވެކްސިނޭޝަން ޕްރޮގްރާމުގެ ދަށުން މިއަދު 742 މީހަކު ވެކްސިން ޖަހައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި 742 މީހަކަށް ވެކްސިން ދީފައިވާ ކަމަށެވެ. އެއާއެކު މިދިޔަ ހޯމަ ދުވަހުން ފެށިގެން މިހާތަނަށް ޖުމުލަ 1578 މީހަކު ވަނީ ވެކްސިން ޖަހައިފައެވެ.

މިއަދު ވެކްސިން ޖެހި 742 މީހުންގެ ތެރެއިން 643 މީހަކު ވެކްސިން ޖަހާފައިވަނީ މާލެއިންނެވެ. އަދި 99 މީހަކު ވެކްސިން ޖެހީ އަތޮޅުތެރެއިންނެވެ. މިހާތަނަށް ވެކްސިން ޖެހި ޖުމުލަ 1578 މީހުންގެ ތެރެއިން 1309 މީހަކު މާލެއިން ވެކްސިން ޖަހާފައިވާ އިރު، 269 މީހަކު ވެކްސިން ޖެހީ އަތޮޅުތެރެއިންނެވެ.

މާލޭ ސަރަހައްދުން ވެކްސިން ދެނީ އައިޖީއެމްއެޗް އާއި އޭޑީކޭ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލް އަދި ސޯޝަލް ސެންޓަރުންނެވެ. މާލޭގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި އައްޑޫ ހިތަދޫގެ އިކްއެޓޯރިއަލް ހޮސްޕިޓަލް އަދި ގއ. އަތޮޅު ހޮސްޕިޓަލުގައި ވެސް ވެކްސިންދެމުން ދެއެވެ.

ރާއްޖޭގައި ޖަހަން ފަށާފައިވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 100،000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ. ކޮންމެ މީހަކަށް ވެސް ވެކްސިންގެ ދެ ޑޯޒް ދޭން ޖެހޭތީ އެ ޝިޕްމަންޓުން ވެކްސިން ދެވޭނީ 50،000 މީހުންނަށެވެ.

މިދިޔަ ހޯމަ ދުވަހު ވެކްސިން ދިނުމުގެ ޕްރޮގްރާމު ފައްޓަވައިދެއްވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކޮވިޑް ބަލިން އަރައިގަތުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި މި ހިސާބަށް އާދެވިފައި އޮތީ ހެލްތު އެކްސްޕާޓުންގެ ލަފަޔާ އެއްގޮތަށް ރައްޔިތުން ކުރި މަސައްކަތުގެ ސަބަބުން ކަމަށެވެ. އަދި ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކޮވިޑް ވެކްސިން ދީ ނިމޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ކުރިއަށް އޮތްތަނުގައި، ހެލްތު ފެސިލީތައް ބޭނުންކޮށްގެން، ރާއްޖޭގެ ހުރިހާ ރަށަކުން ވެކްސިން ޖެހުމުގެ ކަންތައް ކުރިއަށްދާނެ ކަމަށެވެ. ޓާގެޓަކީ ދުވާލަކު 10،000 މީހުންނަށް ވެކްސިން ދިނުން ކަމަށް ވެސް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.