ހާއްސަ ހުއްދައިގެ ދަށުން ދިޔަ ދެ މީހަކު ޕޮޒިޓިވްވެ، މިއަދު ގދ. ތިނަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ތިނަދުއަށް ދިޔަ ދެމީހަކު މާލެ އައި ފަހުން ޕޮޒިޓިވްވެފައިވާ ކަމަށާއި އެ ރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތާއި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ތިނަދޫ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު "ވަން" އަށް ވިދާޅުވީ، ޕޮޒިޓިވްވެފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހާއްސަ ހުއްދަ ލިބިގެން ފަސް ދުވަހަށް ތިނަދުއަށް ދިޔަ ދެ މީހެއް ކަމަށެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި ޕޮޒިޓިވްވީ ޖެންޑާ މިނިސްޓްރީގެ ދެ މުވައްޒަފެކެވެ. އެމީހުން މާލެ އައިސްފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އަދި އެމީހުން ޕޮޒިޓިވްކަން އެނގުނީ މިއަދު އިރުއޮއްސުނު ފަހުންނެވެ.

ސައީދު ވިދާޅުވީ، އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި ކޮންމެވެސް ވަރަކަށް މީހުން ހިމެނޭ ކަމަށާއި މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.