ކްރައުން ކޮމްޕެނީގެ ފަރާތުން ހިންގާ ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުން 22 މީހަކު މީގެ 10 އަހަރު ކުރިން ވަކިކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
އެގޮތަށް ނިންމި ނަމަވެސް އަލުން، އެ މީހުންނަށް ވަޒީފާ ދޭން ނުޖެހޭނެ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުން ވަނީ ކަނޑައަޅައިފައެވެ.
މިއީ ރަންގަލި ރިސޯޓްގައި ވަޒީފާ އަދާކުރަމުން ދިޔަ 22 މުވައްޒަފަކު 4 ޖޫން 2011 ވަނަ އަހަރު ވަކިކުރި މައްސަލައެކެވެ.
އެފަރާތްތަކުން މި މައްސަލަ ފުރަތަމަ ހުށަހެޅީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށެވެ.
އެތަނުން މައްސަލަ ބެލުމަށްފަހު އެމީހުންނަށް އަލުން ވަޒީފާ ދިނުމަށް 2012 ވަނަ އަހަރު އަމުރު ކުރިއެވެ. އެއާއެކު އެމީހުންނަކީ ވަޒީފާއިން ވަކިވެފައިވާ ބައެއް ކަމަށް ނުބެލުމަށާއ، ވަޒީފާއިން ވަކިކުރި ތާރީހުންފެށިގެން މައްސަަލަ ނިންމުމާ ހަމައަށް އެ ފަރާތްތަކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބެން ޖެހޭ ފައިސާ އެކީ އެއްފަހަރާ ދިނުމަށްވެސް އަމުރު ކުރިއެވެ.
ނަމަވެސް ހައިކޯޓުގައި އެމައްސަލަ އިސްތިއުނާފު ކުރުމުން، އެ މައްސަލަތަކުގެ ވަށައިގެންވާ ކަންކަމަށް ބަލައި އެ މީހުން އަލުން އަނބުރާ ވަޒީފާއަށް ރުޖޫއަ ކުރުމަކީ އަމަލީގޮތުން ކުރެވޭނެ ކަމެއް ކަމުގައި ނުވާތީ، އެކަމަށް ނަގައިދެވޭނެ މާލީ ބަދަލުގެ މިންވަރު ކަނޑައެޅުމަށާއި ގާނޫނީ ގޮތުން އެ ފަރާތްތަކަށް ލިބެން ޖެހޭ އެހެން އިނާޔަތްތައް ލިބިފައިވޭތޯ ބަލައި އެއިން އިނާޔަތެއް ލިބިފައި ނުވާނަމަ، އެ މައްސަލަ ޓްރައިބިއުނަލުން އަލުން ބެލުމަށް 2013 ވަނަ އަހަރު ހައިކޯޓުން ހުކުމް ކުރިއެވެ.
ނަަމަވެސް ވޒިފާއިން ވަކިކުރި ފަރާތްތަކުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެމައްސަލަ ބަލައި 2015 ގައި ކުރި ހުކުމްގައި ވަނީ، ހައިކޯޓުން އަލުން އެ މައްސަލަ ބެލުމަށް އެކޯޓަށް ތަހްވީލް ކޮށްފައެވެ.
އެ ފަހަރު އެ މައްސަލަ ހައިކޯޓުން އަލުން ބެލުމަށް ފަހު 2017 ގައި ކުރި ހުކުމްގައި ވަނީ އެ މީހުން ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށާއި އެ މީހުންނަށް އަލުން ވަޒީފާ ދޭން ޖެހޭނެ ކަމަށެވެ.
އެ މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމަކީ ހައިކޯޓުގެ އެ ނިންމުން ކްރައުން ކޮމްޕެނީގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައި އިއްވި ހުކުމެކެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ އެ މީހުން ވަކިކުރީ ރިސޯޓްގެ ވިލާތަކެއް ވަގުތީ ގޮތުން ބަންދުކުރަން ޖެހުމުން ރިސޯޓްގެ އޮކިއުޕެންސީ ދަށްވެ، ރިޑަންޑެންސީގެ ހާލަތު ކުރިމަތިވުމުން ކަމަށް ކްރައުން ކުންފުނިން ބުނެފައި ވިޔަސް، އޭގެ ސަބަބުން އެއްވެސް މުވައްޒަފަކު ވަކިކުރަން ޖެހިދާނެ ކަމަށް އެ ކުންފުނިން އޭރު އަންގާފައިވާ ކަން ސާބިތުވާން ނެތް ކަމަށެވެ. އޭރު ވަގުތީ މުވައްޒަފުންތަކެއް ރިސޯޓުގައި ތިއްބާ އެ މީހުން ވަކިނުކޮށް، ދާއިމީ މުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބެއް ބުނެދެވިފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ. އެހެން ވެ، މީހުން ވަކި ކުރުމުގައި އިޖުރާއީ އަދުލުވެރިކަން ގާއިމްކޮށްފައި ނުވާ ކަމަށްވެސް ސުޕްރީމް ކޯޓުގެ ހުކުމްގައި ވެއެވެ.
އެ މީހުން ވަޒީފާއިން ވަކި ކުރިއިރު ކްރައުން ކޮމްޕެނީން އެ މީހުންނަށް ނޯޓިސްގެ ބަދަލުގައި ދޭން ޖެހޭ ފައިސާ އާއި ރިޑަންޑަންސީގެ ފައިސާ ދީފައިިވާތީ އަދުލުވެރި ބަދަލެއް މީހުންނަށް ލިބިފައިވާތީ އިތުރު ބަދަލެއް ދޭން ނުޖެހޭ ކަމަށް ވެސް ހުކުމުގައިވެ އެވެ. އެކަމަކު ވަޒީފާއިން ވަކި ކުރުމުން ލިބުނު ގެއްލުމެއް އޮތް ނަމަ، އެކަމަށް ވަކިން ދައުވާ ކުރުމުގެ ހައްގު އޮންނާނެ ކަމަށް އެ ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ އެ މީހުން ވަކިކުރީ ގޯސްކޮށް ކަމަށް ޓްރައިބިއުނަލާއި ހައި ކޯޓުން ނިންމި ބަޔަކަށް ތާއީދުކުރާ ކަމަށެވެ.