މަނާކޮށްފައިވާ އިރުވެސް ބައެއް ތަންތަނުން ޝީޝާގެ ހިދުމަތް ދޭކަން ފާހަގަކުރެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ކޮވިޑް 19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މިދިޔަ އަހަރުގެ މާޗު މަހުގެ 20 އިން ފެށިގެން ރެސްޓޯރެންޓާއި ކެފޭ ފަދަ ތަންތަނުން ޝީޝާގެ ހިދުމަތް ދިނުން ވަނީ މަނާކޮށްފަ އެވެ. އަދި އެ ފިޔަވަޅަކަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު ދިނުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޕަބްލިކް ހެލްތު އިންސްޕެކްޝަން ސެކްޝަންގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ ކެފޭ އަދި ރެސްޓޯރެންޓު ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ހިންގަނީ ގައިޑްލައިނާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް އެ އެޖެންސީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި ފުލުހުން ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މީގެ ކުރީގެ އިންސްޕެކްޝަންތަކުގައި ޝީޝާގެ ހިދުމަތް ދޭ ތަންތަން ފާހަގަކުރެވި އެފަދަ ބައެއް ތަންތަނަށް ފިޔަވަޅު އަޅާފައިވާއިރު، މިފަހަރުގެ އިންސްޕެކްޝަނުގައި އެފަދަ ހިދުމަތް ދޭ ތަންތަނަށް އިތުރު ސަމާލުކަމެއް ދޭނެ ކަމަށް ނާސިރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، މިފަހަރުގެ އިންސްޕެކްޝަންގައި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުގައި ކޮވިޑުން ރައްކާތެރި މާހައުލެއް އެކުލެވިގެންވޭތޯ އާއި މުވައްޒަފުންނާއި ކަސްޓަމަރުންނަށް ކޮވިޑާ ގުޅޭ މައުލޫމާތު ފެންނަން ހުރިތޯ އާއި އަތް ދޮވެވޭނެ ނުވަތަ ސެނިޓައިޒް ކުރެވޭނެ ނިޒާމު ހުރިތޯ ބަލާނެ ކަމަށެވެ.
އޭގެ އިތުރުން އެތަންތަނަށް އެންމެ ގިނައިން ވަދެވޭނެ ވަރަކީ ކޮބައިތޯ އާއި ތަނުގެ މުވައްޒަފުން މަސައްކަތް ކުރަނީ މާސްކު އަޅައި، ގައިދުރުކަން ހިފެހެއްޓޭ ގޮތަށްތޯ އަދި ތަނުގެ ސާފުތާހިރުކަމާއި މޭޒުތަކާއި ގޮނޑިތައް އަތުރާފައި ހުރި ގޮތް ވެސް އިންސްޕެކްޝަންގައި ބަލަން ވަނީ ނިންމައިފަ އެވެ.
ނާސިރު ވިދާޅުވީ، ޑެލިވަރީ ކުރާ ތަނެއްނަމަ އެކަމަށް ހާއްސަ ޕޮއިންޓެއް ކަނޑައަޅާފައި ހުންނަންޖެހޭ ކަމަށް ގައިޑްލައިންގައި ބުނެފައިވާތީ އެގޮތަށް އަމަލު ކުރޭތޯ ބަލާނެ ކަމަށެވެ.
އެގޮތުން ގައިޑްލައިންގައި ކަނޑައެޅީ ޑެލިވަރީ ކުރާ މީހާއަކީ މުޖުތަމައުގެ ތެރޭގައި އުޅޭނެ މީހެއް ކަމުން އޭނާ އާއި ބަދިގޭގައި ނުވަތަ ކާބޯތަކެތި ތައްޔާރު ކުރާ މީހުންނާ އޮންނަ ގުޅުން ކުޑަކުރުމަށް ކަމަށް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު