ޑެލިވަރީގެ ހިދުމަތް ދޭ ތަންތަންތަނުގައި ހުންނަން ޖެހޭ ހާއްސަ ޕޮއިންޓް ހުރިތޯ ބަލައި ފިޔަވަޅު އަޅަން ފަށަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

ކޮވިޑާ ގުޅިގެން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޕަބްލިކް ހެލްތު އިންސްޕެކްޝަން ސެކްޝަންގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ، ކެފޭ އަދި ރެސްޓޯރެންޓު ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ހިންގަނީ ގައިޑްލައިނާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް އެ އެޖެންސީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި ފުލުހުން ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

މިފަހަރުގެ އިންސްކެޕްޝަންގައި ވެސް ކޮވިޑާ ގުޅިގެން ހަދާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކާބޯތަކެތީގެ ތަންތަނުން ހިދުމަތްދޭތޯ ބަލައި، ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވިދާޅުވި އެވެ.

އެގޮތުން އެފަދަ ތަންތަނުގައި ކޮވިޑުން ރައްކާތެރި މާހައުލެއް އެކުލެވިގެންވޭތޯ އާއި މުވައްޒަފުންނާއި ކަސްޓަމަރުންނަށް ކޮވިޑާ ގުޅޭ މައުލޫމާތު ފެންނަން ހުރިތޯ އާއި އަތް ދޮވެވޭނެ ނުވަތަ ސެނިޓައިޒް ކުރެވޭނެ ނިޒާމު ހުރިތޯ ބަލާނެ ކަމަށް ނާސިރު ވިދާޅުވި އެވެ.

އޭގެ އިތުރުން އެތަންތަނަށް އެންމެ ގިނައިން ވަދެވޭނެ ވަރަކީ ކޮބައިތޯ އާއި ތަނުގެ މުވައްޒަފުން މަސައްކަތް ކުރަނީ މާސްކު އަޅައި، ގައިދުރުކަން ހިފެހެއްޓޭ ގޮތަށްތޯ އަދި ތަނުގެ ސާފުތާހިރުކަމާއި މޭޒުތަކާއި ގޮނޑިތައް އަތުރާފައި ހުރި ގޮތް ވެސް އިންސްޕެކްޝަންގައި ބަލަން ވަނީ ނިންމައިފަ އެވެ.

ނާސިރު ވިދާޅުވީ، ޑެލިވަރީ ކުރާ ތަނެއް ނަމަ އެކަމަށް ހާއްސަ ޕޮއިންޓެއް ކަނޑައަޅާފައި ހުންނަން ޖެހޭ ކަމަށް ގައިޑްލައިންގައި ބުނެފައިވާތީ އެގޮތަށް އަމަލު ކުރޭތޯ ވެސް ބަލާނެ ކަމަށެވެ.

އެގޮތަށް ގައިޑްލައިންގައި ކަނޑައެޅީ ޑެލިވަރީ ކުރާ މީހާއަކީ މުޖުތަމައުގެ ތެރޭގައި އުޅޭނެ މީހެއް ކަމުން އޭނާ އާއި ބަދިގޭގައި ނުވަތަ ކާބޯތަކެތި ތައްޔާރު ކުރާ މީހުންނާ އޮންނަ ގުޅުން ކުޑަކުރުމަށް ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން މިފަހަރުގެ އިންސްޕެކްޝަންގައި ޝީޝާ ވިއްކާ ތަންތަނާ މެދު ފިޔަވަޅު އެޅުމަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ވެސް ނާސިރު ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން ހެދިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރޭތޯ ބެލުމަށް މީގެ ކުރިންވެސް އެކިފަހަރުމަތިން އެޗްޕީއޭ އިން ވަނީ އިންސްޕެކްޝަންތައް ކުރިއަށް ގެންގޮސްފައެވެ.