މީގެ 14 އަހަރު ކުރިން ޓަގް ބޯޓެއް ގަނެ ސަޕްލައި ކުރުމަށް ސެންޓަރ އެންޓަރ ޕްރައިސަސް އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ދެމެދު އެއްބަސް ވެފއިވާއިރު، އެ ޓަގްބޯޓުގެ ބޮޑީއަށް ގެނައި ބަދަލާ ގުޅިގެން، އެ މަސައްކަތަށް ކަނޑައަޅާފައިވާ އަގުގެ އިތުރަށް އެމްޕީއެލްއިން 7.4 މިލިޔަން ރުފިޔާ ހޯދުމަށް ސެންޓަރ އެންޓަރ ޕްރައިސަސް އިން ކުރި ދައުވާއާ ގުޅިގެން އެ ފައިސާ އެމްޕީއެލް އިން ދައްކަން ނުޖެހޭ ކަމަށް ހައި ކޯޓުން ހުކުމް ކޮށްފިއެވެ.

ދެ ފަރާތުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ ޓަގްބޯޓު ބަނުމަށް 2008 ވަނަ އަހަރު ސެންޓަރ އެންޓަރ ޕްރައިސަސް އާ އެމްޕީއެލް އިން ހަވާލު ކޮށްފައިވަނީ 39.9 މިލިޔަން ރުފިޔާ އަށެވެ.

އެ އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރަމުން ދަނިކޮށް ޓަގް ބޯޓުގެ ކްލެސިފިކޭޝަން ބޮޑީއަށް ދެ ފަރާތުގެ މަޝްވަރާގެ މަތިން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

އެ މަސައްކަތުގެ އަގެއްގެ ގޮތުން އިތުރަށް 7.4 މިލިޔަން ރުފިޔާ ހޯދުމަށް އެކުންފުނިން ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅުމުން، ސެންޓަރ އެންޓަރ ޕްރައިސަސް އިން އެދިފައިވާ ގޮތަށް، އެ ފައިސާ ދިނުމަށް އެމްޕީއެލްއަށް އަންގާނެ ތަނެއް ނެތްކަމަށް އެކޯޓުން ހުކުމް ކުރިއެވެ.

ސެންޓަރ އެންޓަރ ޕްރައިސަސް އިން މި މައްސަލަ އެންމެ ފަހުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ހައިކޯޓުން ބުނެފައިވަނީ، ޓަގް ބޯޓު ބަނުމަށް ދެ ފަރާތުން އެއްބަސްވެފައިވާ އަގަކީ ބަދަލު ނުކުރެވޭނޭ އަގެއް ކަމަށާއި، އެއްވެސް ސަބަބަކާ ހުރެ މި އަގަށް ވުރެ އިތުރަށް ފައިސާއެއް ނުނެގޭނެ ކަމަށާއި އަދި މިއެމެންޑްމަންޓުގައި ސޮއިކުރިއިރު، އެމްޕީއެލްގެ ފަރާތުން 11 މިލިޔަން ރުފިޔާ ސެންޓަރ އެންޓަރ ޕްރައިސަސް އަށް ދައްކާފައިވާ ކަމަށާއި ބާކީ ދައްކަން ޖެހެނީ 28.9 މިލިޔަން ރުފިޔާކަން ބަޔާންކޮށްފައިވާ ކަމަށެވެ.

ވޭރިއޭޝަން މަސައްކަތުގެ އަގުގެ ގޮތުގައި އެ ކުންފުނިން އެދިފައިވާ 7.4 މިލިޔަން ނުހިމެނޭ ގޮތަށް ޖުމްލަ އަގު ހިމަނައި އެއަށްވުރެ އިތުރު އަގެއް ނުނެގޭނެ ކަމަށް އެއްބަސްވުމުގައި އޮތް ބައިގައި ސޮއިކުރަން ޖެހުނު ސަބަބެއް އޮތްކަން އެކުންފުޏަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށްވެސް ހައިކޯޓުގެ ހުކުމްގައި ވެއެވެ. އަދި އެފަދަ ގޮތަަކަށް އެ އަގުގެ މަސައްކަތެއް ހަވާލު ކުރެވޭނެ ގޮތްވެސް ގާނޫނުތަކުގަ އާއި ގަވާއިދުތަކުގައި ހިމެނިފައިވާކަން ފާހަގަ ކޮށް އެކަމުގެ ތަފްސީލްވެސް ހުކުމްގައި ބަޔާންކޮށްފައި ވެއެވެ.

އެހެންކަމުން އެ މައްސަލައިގައި ސިވިލްކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަން ޖެހޭ ޝަރުއީ ނުވަތަ ގާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި ހައިކޯޓުން ވަނީ ހުކުމް ކޮށްފައެވެ.