ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ހިންގާ ވެކްސިނޭޝަން ޕްރޮގްރާމުގެ ދަށުން މިއަދު 554 މީހަކު ވެކްސިން ޖަހައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި 554 މީހަކަށް ވަނީ ވެކްސިން ދީފައެވެ. އެއާއެކު އިއްޔެއިން ފެށިގެން މިހާތަނަށް ޖުމުލަ 880 މީހަކު ވަނީ ވެކްސިން ޖަހައިފައެވެ.
ރާއްޖޭގައި ވެކްސިން ދިން 880 މީހުންގެ ތެރެއިން މާލޭގެ ވެކްސިން ސެންޓަރުތަކުން ޖުމުލަ 666 މީހަކު ވަނީ ވެކްސިން ޖަހައިފައެވެ. މާލޭ ސަރަހައްދުން ވެކްސިން ދެނީ އައިޖީއެމްއެޗް އާއި އޭޑީކޭ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލް އަދި ސޯޝަލް ސެންޓަރުންނެވެ.
މާލޭގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި އައްޑޫ ހިތަދޫގެ އިކްއެޓޯރިއަލް ހޮސްޕިޓަލުގައި ވެސް އިއްޔެ ވަނީ ވެކްސިން ޖަހަން ފަށައިފައެވެ. އަދި މާދަމާ އިން ފެށިގެން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލަކުން ވެސް ވެކްސިން ޖެހުމުގެ ޕްރޮގްރާމު ފެށުމަށް ވަނީ ނިންމައިފައެވެ.
ރާއްޖޭގައި ޖަހަން ފަށާފައިވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 100،000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ. ކޮންމެ މީހަކަށް ވެސް ވެކްސިންގެ ދެ ޑޯޒް ދޭން ޖެހޭތީ އެ ޝިޕްމަންޓުން ވެކްސިން ދެވޭނީ 50،000 މީހުންނަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވީ ކޮވިޑް ބަލިން އަރައިގަތުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި މި ހިސާބަށް އާދެވިފައި އޮތީ ހެލްތު އެކްސްޕާޓުންގެ ލަފަޔާ އެއްގޮތަށް ރައްޔިތުން ކުރި މަސައްކަތުގެ ސަބަބުން ކަމަށެވެ. އަދި ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކޮވިޑް ވެކްސިން ދީ ނިމޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ކުރިއަށް އޮތްތަނުގައި، ހެލްތު ފެސިލީތައް ބޭނުންކޮށްގެން، ރާއްޖޭގެ ހުރިހާ ރަށަކުން ވެކްސިން ޖެހުމުގެ ކަންތައް ކުރިއަށްދާނެ ކަމަށެވެ. ޓާގެޓަކީ ދުވާލަކު 10،000 މީހުންނަށް ވެކްސިން ދިނުން ކަމަށް ވެސް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު