ކޮވިޑާ ގުޅިގެން މާލޭ ސަރަހައްދާއި އަތޮޅުތެރޭގައި އަޅަމުން ގެންދާ ފިޔަވަޅުތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝަވަރާކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ރާއްޖޭގައި ކޮވިޑްގެ ބަލި ފެތުރޭ މިންވަރު ކުއްލިގޮތަކަށް އިތުރުވާން ފެށުމާ ގުޅިގެން މާލޭ ސަރަހައްދާއި އަތޮޅު ތެރޭގައި އަޅަމުންގެންދާ ފިޔަވަޅުތަކާ ބެހޭގޮތުން ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝަވަރާކުރައްވާފައިވާ ކަމަށެވެ.
މިއަދުގެ ޖަލްސާގައި މި ބަލި ފެތުރުން ކުޑަކުރުމަށްޓަކައި މިހާރުން މިހާރަށް އަޅަން ނިންމާފައިވާ ފިޔަވަޅުވަތަކާ ގުޅޭ މައުލޫމާތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ވަޒީރުންނާ ހިއްސާކުރެއްވިއެވެ. އަދި މި ފިޔަވަޅުތަކަށް ސަމާލުކަން ދެއްވައިގެން ހުރިހާ އިދާރާތަކުންވެސް ކަންތައްތައް ރާވަމުންގެންދެވުމަށް ރައީސް ސޯލިހު އެދިވަޑައިގެންނެވިއެވެ.
ކޮންމެހެން ދޭންޖެހޭ ހިދުމަތްތައްވެސް ކުރިއެކޭ އެއްގޮތަށް ދިނުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކާ ބެހޭގޮތުންވެސް މިއަދުގެ ޖަލްސާގައި މެންބަރުން ވާހަކަދެއްކެވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ކޮވިޑް ކޭސްތައް އިތުރުވުމާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މާދަމާ އިން ފެށިގެން ފިޔަވަޅުތައް ވަރުގަދަކުރަން ނިންމައިފައެވެ. އެގޮތުން މާދަމާ ރެއިން ފެށިގެން ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި ކާފިއު ގަޑި އިތުރުކޮށް، ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ. އަދި ޕްރީ ސްކޫލުތަކާއި ނާސަރީތަކާއި ޑޭ ކެއާގެ ހިދުމަތްތައްވެސް ބަންދުކުރުމަށް ވަނީ އަންގައިފައެވެ.
ކޮލެޖްތަކުގައި އޮންލައިންކޮށް ކިޔަވައިދުމަށް އަންގާފައިވާ އިރު، ސަރުކާރު މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ކުރުމަށްވެސް ވަނީ އަންގައިފައެވެ. އަދި ކަސްރަތަށް ހާއްސަ ތަންތަން ފިޔަވައި އާންމު ޕާކުތަކާއި މައިދާންތައް ބަންދުކުރުމަށާއި އެކަނި ކުރާ ކަސްރަތުތައް ފިޔަވައި އެހެން ހުރިހާ ކުޅިވަރު ހަރަކާތްތައް ހުއްޓާލަންވެސް ވަނީ އަންގައިފައެވެ.
މީގެ އިތުރުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަންނަ އާދިއްތަ ދުވަހުން ފެށިގެން މާސްކް އަޅަން ޖެހޭގޮތަށް ވަނީ ހަމަޖައްސައިފައެވެ. އަދި ހާއްސަ ހުއްދައިގެ ދަށުން ޒަރޫރީ ބޭނުންތަކަށް މާލެ ސަރަހައްދުން ރަށްރަށަށް ދާ ފަރާތްތަކުން ދަތުރުކުރުމުގެ 72 ގަޑިއިރު ހަމަނުވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް ހުށަހަޅަންޖެހޭ ގޮތަށްވެސް ވަނީ ހަމަޖައްސައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު