ސައިނޯފާމް ވެކްސިންގެ 5،000 ޑޯޒް ރާއްޖެ ގެނެސްފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ރާއްޖެއަށް ހެޔޮއެދޭ ފަރާތަކުން ޗައިނާ އިން އުފެއްދި، ސައިނޯފާމް ވެކްސިންގެ 5،000 ޑޯޒް ހަދިޔާކޮށްފައިވާ ކަމަށާއި އެ ވެކްސިން މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ސްޓޯރޭޖުގައި މި ވެކްސިން ހުރީ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މި ވެކްސިންއާ ގުޅޭ އިތުރު މައުލޫމާތު ހޯދައި، ބަލަންޖެހޭ ކަންތައް ބެލުމަށްފަހު ވެކްސިނަށް ހުއްދަ ދޭނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ސައިނޯފާމް ވެކްސިނަކީ ޗައިނާގެ ދެ ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ ވެކްސިނެކެވެ. އެ ވެކްސިން މިހާރު އަންނަނީ ޗައިނާގެ އިތުރުން ބައެއް އެހެން ގައުމުތަކުގައި ވެސް ބޭނުންކުރަމުންނެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވާއިރު ރާއްޖޭގައި ޖަހަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާއިން އުފެއްދި "ކޮވިޝީލްޑް" ވެކްސިނެވެ. ރާއްޖެއިން ޖަހަމުން އަންނަނީ އިންޑިއާއިން ހިލޭ ހަދިޔާކޮށްފައިވާ ވެކްސިނުގެ 100،000 ޑޯޒެވެ.
އިއްޔެ މާލޭގެ ހަ ތަނެއްގައި އަދި އަތޮޅު ތެރޭގެ ދެ ތަނެއްގައި ވެކްސިން ޖަހަން ފަށާފައިވާ އިރު، މާދަމާއިން ފެށިގެން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި ވެކްސިން ޖަހަން ފަށާނެއެވެ.
ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް އެކުލަވާލައިފައެވެ. އެ ވެކްސިން އަންނަ މާޗު މަހު ރާއްޖެއަށް ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު