ސްކޫލު ބަންދުކުރަން އަދި ނުވިސްނާ ކަމަށާއި ކޮވިޑުގެ އަލާމާތްތައް ހުރި ދަރިވަރުން ސްކޫލަށް ފޮނުވުމަށް އެންގައިގެން ނުވާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑްގެ އަލާމާތްތައް ހުރި ދަރިވަރުން ސްކޫލަށް ފޮނުވުމަށް ސްކޫލުން އެދުމަކީ އެއްވެސް ސްކޫލަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
"ސްކޫލުތަކުން އެގޮތަށް ބަލީގެ އަލާމާތްތައް ހުރި ކުދިން ގެންނާށޭ ބުނުމަކީ އަޅުގަނޑުމެން ވަރަށް ހިތާމަ ކުރާ ކަމެއް. އެކަން އެގޮތަށް ކުރެވިގެން ނުވާނެ. އެޑިއުކޭޝަނުންވެސް އެކަން ބަލަންވާނެ. އަޅުގަނޑުމެންވެސް އެޑިއުކޭޝަނާ އެވާހަކަ ހިއްސާކުރާނަން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، މީގެ ކުރިން ސްކޫލުތައް ބަންދުކުރުމާއެކު ސްކޫލު ކުދިންނަށް ނަފްސާނީ ގޮތުންނާއި ތައުލީމީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރިމަތިވި ކަމަށެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ޕޮޒިޓިވްވާ ސްކޫލު ކުދިންގެ ތެރެއިން ގިނަ ކުދިންނަށް ބަލި ޖެހިފައިވަނީ ސްކޫލުގެ މާހައުލުން ނޫން ކަމަށެވެ. އަދި ސްކޫލުތައް ބަންދު ކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށް ވިދާޅުވިއެވެ.
"އެއް މަގުސަދަކީ ސްކޫލަކީ އަދިވެސް ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުން. ދެން އަނެއް ކަމަކީ ކުދިންގެ ހެދިބޮޑުވުމާއި ތައުލީމާއި މިފަދަ ކަންކަން ކުރިއަށް ގެންދެވޭނީ އެހެން ކަންކަމަށް ކޮންމެވެސް ވަރެއްގެ ހުއްޓުމެއް ގެނެސްގެން ކަމަށްވާތީ ސްކޫލު ބަންދުކުރުމަކީ ތަންކޮޅެއް ފަހަށް ބަހައްޓާ ކަމަކަށް ބަހައްޓާފައި ބޮޑަށް ބަލި ފެތުރޭ ކަންކަން ރެސްޓްރިކްޓް ކުރަން އަޅުގަނޑުމެންގެ ވިސްނުމަކީ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ކޮވިޑްގެ ކޭސްތައް އިތުރުވުމާ ގުޅިގެން ކޮލެޖު/ޔުނިވާސިޓީތަކާއި ޑޭ ކެއާ ސެންޓަރުތަކާއި ޕްރީސްކޫލުތައް މިހާރު ވަނީ ބަންދުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު