ރާއްޖެއަކީ މިހާރު ކޮވިޑުގެ ހައިރިސްކް ގައުމެއް ކަމަށް ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ، ރާއްޖޭގެ ކޮވިޑްގެ ނަންބަރުތައް މިހާރު ހުރީ ކަންބޮޑުވާން ޖެހޭ ހިސާބެއްގައި ކަމަށެވެ. އަދި ރާއްޖެއަކީ، މިހާރު ކޮވިޑްގެ "ސޭފް" ގައުމެއް ނޫން ކަމަށް ވިދާޅުވިއެވެ.

"ރާއްޖެއަކީ ސޭފް ކަންޓްރީއެއްތޯ، ހައިރިސްކް ކަންޓްރީއެއްތޯ ބަލާނަމަ ރާއްޖެ މިިއޮތީ ހައިރިސްކް ލެވެލްގައި. ނޯ ލޯންގާ ސޭފް" ޑރ. ޝީނާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑްގެ ދެވަނަ ރާޅުގެ ދުވަސްވަރުގެ ފަހުން ރާއްޖެއަކީ ދަތުރުކުރަން ރައްކާތެރި ގައުމެއްގެ ގޮތުގައި ބައެއް ގައުމުތަކުން ވަނީ ކަނޑައަޅަައިފައެވެ. އެއާއެކު ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިންވެސް އަންނަނީ ޒިޔާރަތްކުރަމުންނެވެ.

މިދިޔަ އަހަރުގެ ޑިސެންބަރުމަހުން ފެށިގެން ކޮވިޑްގެ ކޭސްތައް އިތުރުވާން ފަށާފައިވާ އިރު، ޑރ. ޝީނާ ވިދާޅުވީ، ކޮވިޑްގެ ކޭސްތައް އިތުރުވަނީ ފިޔަވަޅުތަކަށް ފަރުވާކުޑަކުރެވޭތީއާއި ރާއްޖޭގައި ކޮވިޑްގެ އާ ވޭރިއަންޓް އުޅޭތީ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު ބަލި ޖެހޭ މީހުންގެ 30 އިންސައްތައަކީ އާ ވޭރިއަންޓުގެ ސަބަބުން ބަލި ޖެހޭ މީހުންނެވެ.

ކޮވިޑްގެ ކޭސްތައް ރާއްޖޭގައި އިތުރުވެފައިވާ އިރު، އެޗްޕީއޭއިން މިވަނީ އަނެއްކާވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ. އެގޮތުން ކާފިއު ގަޑި އިތުރުކުރުމާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކް އެޅުން މަޖުބޫރުކުރުން ފަދަ ކަންކަން ހިމެނެއެވެ.