ވައިގެ މަގުން ރާއްޖެއަށް ގެނައި ކޫރިއާ ޕާރުސަލެއްގެ ތެރެއިން 13 ކިލޯއަށްވުރެ ގިނަ ކެނެބިސް ފެނުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ދޫރަފިޝް، ހަސަން ޝަމްއާން (30އ) އެވެ. އޭނާއަށް ކުރަނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރުމުގެ ކުށުގެ ތުހުމަތެވެ.

ފުލުހުން ވަނީ ޝަމްއާންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. ކުރިމިނަލް ކޯޓުންވަނީ ޝަމްއާންގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ މިމަހުގެ 22 ވަނަ ދުވަހު މެލޭޝިއަން އެއާލައިންސްގެ ފްލައިޓަކުން ރާއްޖެ ގެނައި ރެޑްބޮކްސްގެ ކޫރިއާ ބޭގެއް ކަސްޓަމްސް އޮފިސަރުން އެކްސްރޭ ކުރުމުގެ ތެރޭގައެވެ.

ޝައްކުކުރެވިގެން އެ ބޭގުގައި ހުރި ޕެކޭޖުތައް ކަނޑައި ބެލިއިރު، އޭގެ ތެރޭގައި ހުރި 14 ބެޑްޝީޓެއްގެ ތެރެއިން މަސްތުވާތަކެތިވަނީ ފެނިފައެވެ. އެ ތަކެތި ތަހުލީލުކުރުމުން ކެނެބިއްސަށް ޕޮޒިޓިވް ވެފައިވާއިރު، ޕެކިންއާއެކު މި ތަކެތީގެ ވަގުތީ ބަރުދަނުގައި 13.86 ކިލޯ ހުރި ކަމަށް ކޯޓު އަމުރުގައި ވެއެވެ.

ކޯޓުގައި ޝަމްއާން ބުނެފައިވަނީ، އެ ޕެކޭޖަކީ އޭނާގެ އަމިއްލަ ނަމުގައި އައި އެއްޗެއް ނޫން ކަމަށާއި، އެއާ ހަވާލުވާން ދިޔައީ ރައްޓެއްސަކު އެދިގެން ކަމަށެވެ.

ނަމަވެސް، އޭނާގެ މައްޗަށް ކޮންމެވެސް މިންވަރަކަށް ހެކި ހުށަހަޅާފައިވާތީ، ކުރިމިނަލް ކޯޓުންވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ.