ބޭރު ފައިސާގެ ކަޅުބާޒާރު ކޮންޓްރޯލްކޮށް، މަނީ އެކްސްޗޭންޖް ވިޔަފާރިތައް ހަރުދަނާ އުސޫލެއްގެ ދަށުން ބެލެހެއްޓުމަށްޓަކައި، މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން އެކުލަވައިލި އާ ގަވާއިދަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.

ބޭރު ފައިސާގެ ގާނޫނުގެ ދަށުން އެކުލަވައިލި މި އާ ގަވާއިދުގެ ދަށުން، ފައިސާ މާރުކުރާ ތަންތަނުން ނަގުދު ފައިސާއިން މުއާމަލާތް ކުރެވޭނެ އެންމެ މަތީ އަދަދަކީ އެއް މުއާމަލާތަކަށް ނުވަތަ އެއް ދުވަހަކު އެއް ކަސްޓަމަރަކަށް 50,000 ރުފިޔާކަމަށް ވަނީ ކަނޑައަޅައިފައެވެ.

މި އަދަދަށް ވުރެ އިތުރުވާ ކޮންމެ މުއާމަލާތެއްވެސް ކުރަންޖެހޭނީ އެ ވިޔަފާރިއެއްގެ ޕްރައިމަރީ ބޭންކު އެކައުންޓު މެދުވެރިކޮށެވެ. މީގެއިތުރުން ދުވަސް ނިމޭއިރު ހުންނަ އިތުރު ބޭރު ފައިސާ ޖެހިގެން އަންނަ ރަސްމީ ދުވަހު ބޭންކަށް ޖަމާކުރުންވެސް ވަނީ ލާޒިމުކޮށްފައެވެ.

ވިޔަފާރި ބޭންކުތައް މި ގަވާއިދުން އިސްތިސްނާ ވާނެއެވެ.

އާ އުސޫލުގެ ދަށުން އާންމުންނަށް ބޭރު ފައިސާ ގަނެވިއްކުމުގެ (ކެޓަގަރީ-އޭ) ލައިސަންސް ލިބޭނީ ސައްތައިން ސައްތަ ދިވެހިންގެ ހިއްސާ އޮންނަ، އަދި ހަމައެކަނި އެ ވިޔަފާރިއަށް ހާއްސަ ކުންފުނިތަކަށެވެ.

އަދި ކޮންމެ ކޯޕަރޭޓް ގްރޫޕަކަށް ދޫކުރާނީ އެންމެ ލައިސަންސެކެވެ. ފަސް އަހަރުގެ މުއްދަތަށް ދޫކުރާ މި ލައިސަންސް ހޯދުމަށް އެމްއެމްއޭގައި ސެކިއުރިޓީ ޑިޕޮސިޓެއްގެ ގޮތުގައި 200,000 ޑޮލަރު ބަހައްޓަން ޖެހޭއިރު، އިތުރުވާ ކޮންމެ ގޮތްޕަކަށް 100,000 ޑޮލަރު ޑިޕޮސިޓް ކުރަންޖެހެއެވެ. ލައިސަންސް ފީގެ ގޮތުގައި 40,000 ރުފިޔާ، އާކުރުމަށް 20,000 ރުފިޔާ އަދި އަހަރީ ފީއެއްގެ ގޮތުގައި 48,000 ރުފިޔާ ދައްކަން ޖެހެއެވެ.

ފަތުރުވެރިންނަށް ބޭރު ފައިސާ ވިއްކުމުގެ ހާއްސަ އިހުތިޔާރު ރިސޯޓުތަކަށް ވަނީ ދީފައެވެ.

ހިދުމަތް ދިނުމުގެ މިންގަނޑުތަކަށް ބަލާއިރު، ވިޔަފާރި ހިންގަންވާނީ ރައްކާތެރިކަމާއި ސިއްރު ހިފެހެއްޓޭނެ އޮފީސް މާހައުލެއްގައެވެ. އަދި ފައިސާ މާރުކުރާ ރޭޓުތައް ފެންނާނެ ޑިޖިޓަލް ބޯޑެއް ބެހެއްޓުމާއި، ކޮންމެ މުއާމަލާތަކަށް ރަސްމީ ރަސީދު ދިނުމުގެ އިތުރުން މުއާމަލާތްތަކުގެ ރެކޯޑުތައް ފަސް އަހަރު ވަންދެން ބަލަހައްޓަން ޖެހެއެވެ.

މީގެއިތުރުން މުއާމަލާތްތައް ވަގުތުން މޮނިޓާކުރެވޭނެ އިލެކްޓްރޯނިކް ނިޒާމަކާއި، އޮޑިޓް ރިޕޯޓުތައް ގަވާއިދުން އެމްއެމްއޭއަށް ހުށަހަޅަން ލާޒިމުވެއެވެ.

މި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ގޮތުން 10,000 ރުފިޔާއިން ފެށިގެން އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމާއި، ލައިސަންސް ހިފެހެއްޓުން ނުވަތަ ބާތިލުކުރުމުގެ ބާރު އެމްއެމްއޭއަށް އޮވެއެވެ. އަދި 90 ދުވަހުގެ ތެރޭގައި ޖޫރިމަނާ ނުދައްކައިފި ނަމަ، ދައުލަތުގެ ހިދުމަތްތައް މެދުކަނޑައިލުމާއި ޖިނާއީ ތަހުގީގަށް މައްސަލަ ފޮނުވޭނެއެވެ.

ކުރީގެ ގަވާއިދުގެ ދަށުން ހިންގަމުން އައި ވިޔަފާރިތަކަށް އާ ޝަރުތުތައް ފުރިހަމަކުރުމަށް މުއްދަތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ކުރީގެ "ޓިއާ 2" ގެ އެޕްލިކޭޝަންތައް ބާތިލުކޮށް ފީ އަނބުރާ ދޭން ނިންމާފައިވާއިރު، "ޓިއާ 1" އަށް އެދިފައިވާ ފަރާތްތަކަށް އިތުރު ފީއަކާ ނުލައި އާ ގަވާއިދުގެ ދަށަށް ބަދަލުވެވޭނެއެވެ.