ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ހަ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލެ ދިއްގާމަގު ބީޗް ސަރަހައްދުގައި ބަޔަކު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ރޭ 10:50 އެހައިކަންހާއިރު ފުލުހުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައިވާ ކަމަށެވެ.
ފުލުހުން އެ ސަރަހައްދަށް ގޮސް އެތަނުގައި ހުރި މީހަކު ހުއްޓުވައި ބަލައިފާސްކޮށް، އޭނާ ހުރި ތަނާ ކައިރިން ބަޔޮނެޓަކާއި ކަޓަރެއް ފެނިފައިވާ ކަމަށާއި އޭނާގެ ހަށިގަނޑު ބަލައި ފާސްކުރި އިރު، އޭނާ ލައިގެން ހުރި ސޯޓުގެ ޖީބުން ހުޑް މާސްކެއް ފެނިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދު އިތުރަށް ބަލައި ޕްރޮސެސް ކުރުމުގެ ތެރޭގައި އެ ސަރަހައްދުން އިތުރު 2 ބަޔޮނެޓް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތު ކުރެވޭ އިތުރު ފަސް މީހަކު ވެސް ރޭގެ ވަގުތެއްގައި ހުޅުމާލޭގެ އެހެން ސަރަހައްދަކުން ހައްޔަރުކޮށްފައިވާ ކަމަށެވެ
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް