ކައިވެނީގެ ބޭރުން ވިހެއި އަންހެނަކަށް ލިބުނު އެއްމާބަނޑު ދެކުދިންގެ ތެރެއިން ކުއްޖަކު މަރުވި މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މިރޭ ބުނީ އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ރޭ 21:07 އެހާކަންހާއިރު ވިލިމާލެ ހޮސްޕިޓަލުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ބެލިބެލުމުން އެނގިފައިވާ ގޮތުގައި، އުމުރުން 37 އަހަރުގެ ދިވެހި މި އަންހެންމީހާ އަމިއްލައަށް ހޮސްޕިޓަލަށް ގުޅައި، އޭނާ ދިރިއުޅޭ ގޭގެ ފާހާނާ ތެރެއަށް ވިހާފައިވާ ކަމުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައިކަމަށް ފުލުހުން ބުންޏެވެ.

މި ރިޕޯޓާ ގުޅިގެން ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ނަރުހަކު އެ ގެއަށް ގޮސް، މަންމައާއި އަލަށް އުފަންވި ތުއްތު ކުއްޖާ ވަނީ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފައިކަމަށް ފުލުހުން ބުންޏެވެ.

ހޮސްޕިޓަލަށް ގެނެސް ބެލިބެލުމުން، އޭނާގެ ބަނޑުގައި އިތުރު ކުއްޖަކު އޮތްކަން ވަނީ އެނގިފައި ކަމަށާއި، އަދި އެއަށްފަހު އެ ކުއްޖާ ވިއްސި ނަމަވެސް، ވިހެއިއިރުވެސް އެ ކުއްޖާ އޮތީ މަރުވެފައިކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި ވިހެއި އެއްމާބަނޑު ދެ ކުދިންނަކީވެސް ފިރިހެން ކުދިން ކަމަށާއި، ފުރަތަމަ ވިހެއި ކުއްޖާގެ ހާލު ރަނގަޅުކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.