ދެވަނަ ރާޅުގެ ދުވަސްވަރަށް ވުރެ މިހާރު ހޮސްޕިޓަލުން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު ގިނަ ކަމަށް ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ، ކޮވިޑްގެ ރާޅުގެ ދުވަސްވަރު ބަލި ޖެހުނު ގިނަ މީހުންގެ ފަރާތުން ބަލީގެ އަލާމާތްތައް ނުފެނުނު ކަމުގައިވިޔަސް މިހާރު ބަލި ޖެހޭ ގިނަ މީހުންގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަ ކަމަށެވެ. އެގޮތުން ބަލި ޖެހޭ 55 އިންސައްތަ މީހުންގެ ކިބައިން ބަލީގެ އަލާމާތްތައް މިހާރު ފެންނަ ކަމަށް ވިދާޅުވިއެވެ.
ޑރ. ޝީނާ ވިދާޅުވީ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދުވެސް އިތުރުވެފައިވާ ކަމަށެވެ.
"ސެންޑް ވޭވްގެ ދުވަސްވަރާއި މިހާރާއި ބަލާއިރު ހޮސްޕިޓަލައިޒޭޝަން މިވަނީ އިތުރުވެފައި. ދެވަނަ ވޭވްގެ ދުވަސްވަރާ އަޅާ ބަލާއިރު ޑަބަލް ހޮސްޕިޓަލައިޒޭޝަން ޑެއިލީ އެބަ ހަދަން ޖެހޭ،" ޑރ. ޝީނާ ވިދާޅުވިއެވެ.
ޑރ. ޝީނާ ވިދާޅުވީ، ހޮސްޕިޓަލުގައި އެނދުމަތިކުރާ މީހުންގެ އަދަދު އިތުރުވުމާއެކު ސިއްހީ ނިޒާމަށް ބާރުބޮޑުވާ ކަމަށެވެ. އަދި ބަލި މީހުން އެނދުމަތިކޮށްގެން ފަރުވާދޭން ހުރި ތަންތަން ފުރުވުމުގެ ބިރު އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.
"ހެލްތު ކެއާ އަޅުގަނޑުމެން ދާން ބޭނުން ނުވާ ދިމާލަކަށް މިދަނީ،" ޑރ. ޝީނާ ވިދާޅުވިއެވެ.
އެޗްއީއޯސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ކޮވިޑްގެ 150 އަށްވުރެ ގިނަ ބަލި މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު