ކޮވިޑުގެ އާ ވޭރިއަންޓާއެކު ބަލި ޖެހޭ ކޮންމެ މީހެއްގެ ފަރާތުން އިތުރު ފަސް މީހަކަށް ބަލި ޖެހޭނެ ކަމަށް ބެލެވޭ ކަމަށް ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ، ރާއްޖޭގައި ކޮވިޑުގެ އާ ވޭރިއަންޓް އެބައުޅޭ ކަމަށާއި ރާއްޖޭގެ ކޭސް ލޯޑް އިތުރުވެފައިވަނީ ވޭރިއަންޓްގެ ސަަބަބުން ބެލެވޭ ކަމަށެވެ.

ޑރ. ޝީނާ ވިދާޅުވީ، ރާއްޖޭގައި މިހާރު ބަލި ޖެހޭ ތިން ބައިކުޅަ އެއްބަައި މީހުންނަށް ބަލި ޖެހެނީ އާ ވޭރިއަންޓްގެ ސަބަބުންކަމަށް ބެލެވޭ ކަމަށެވެ.

"ކުރިން އާރްވެލިއު ދޭއްގައި ހުންނައިރު ކޮންމެ މީހަކު ދެމީހަކަށް ބަލި މި ޖައްސަނީ. ނަމަވެސް ވޭރިއަންޓާއެކު ކޮންމެ މީހަކު ފަސް މީހުންނަށް އެބަ ބަލި ޖައްސާ،" ޑރ. ޝީނާ ވިދާޅުވިއެވެ.

އާ ވެރިއަންޓް އުޅޭތާ ހަ ހަފްތާ ވެދާނެ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.

ޑރ. ޝީނާ ވިދާޅުވީ، ކޮވިޑްގެ ދެވަނަ ރާޅަށް ފަހު ދިން ލުއިތަކާއެކު ގިނަ ބަޔަކު ފަރުވާކުޑަކޮށްފައިވާ ކަމަށެވެ. އެގޮތުން ފިޔަވަޅުތަކަށް އަމަލުކުރާ މީހުންގެ އަދަދު ކުރިއާ ބަލާއިރު މިހާރު ވަރަށް ބޮޑުތަން މަދުވެފައިވާ ކަމަށް ވިދާޅުވިއެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވެފައިވާ އިރު، ކޮވިޑް ކޮންޓްރޯލް ކުރެވޭނީ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކޮށްގެން ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.

މި ފަހަކަށް އައިސް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ނަންބަރުތައް އުޅެނީ 100 އިން މަތީގައެވެ.