ޕްރީ ސްކޫލްތަކާއި ނާރސަރީތަކާއި ޑޭ-ކެއަރ ހިދުމަތްދޭތަންތަން ބަންދުކުރަން ނިންމައިފި އެވެ.
މިދިޔަ އަހަރު ކޮވިޑުގެ ހާލަތު ގޯސްވުމާ ގުޅިގެން ޕްރީ ސްކޫލްތަކާއި ނާރސަރީތަކާއި ޑޭ-ކެއާތައް ބަންދުކުރި ނަމަވެސް، ކޭސްތައް މަދުވުމާ ގުޅިގެން މިދިޔަ މަހުން ފެށިގެން އެތަންތަން ވަނީ ހުޅުވައިފައެވެ.
ކޮވިޑުގެ އަދަދުތައް އިތުރުވުމާ ގުޅިގެން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި އަލުން ޕްރީ ސްކޫލްތަކާއި ނާރސަރީތަކާއި ޑޭ-ކެއާތައް ބަންދުކުރުމަށް ވަނީ ނިންމައިފައެވެ. އެ އެންގުމަށް އަމަލުކުރުމަށް ނިންމާފައިވަނީ މާދަމާއިން ފެށިގެން އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެނެވެ.
އޭގެ އިތުރުން ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިއަށްގެންދިއުން ހުއްޓައިލުމަށް ވަނީ ނިންމައިފައެވެ. އެ އެންގުމަށް އަމަލުކުރަން ނިންމާފައިވަނީ މާދަމާ އިން ފެށިގެން 14 ދުވަހުގެ މުއްދަތަށެވެ.
ނާސަރީތައް ބަންދުކޮށް، ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިއަށްގެންދިއުން ހުއްޓާލި ނަމަވެސް، ސްކޫލުތައް ބަންދުކުރުމަށް އަދި ނިންމައިފައެއް ނުވެއެވެ.
ރާއްޖޭގައި ކޮވިޑުގެ އަދަދުތައް މިދިޔަ ހަފުތާއިން ފެށިގެން ދުވާލެއްގެ މައްޗަށް އުޅެނީ 100 އިން މަތީގައެވެ. އިއްޔެ އެކަނިވެސް ރާއްޖެއިން ވަނީ 215 މީހަކު ޕޮޒިޓިވްވެފައެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19