ކޮވިޑް 19

ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި

އަލީ އަފާފް ރަމީޒު

ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މާދަމާ ރެއިން ފެށިގެން ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވާ ކަމަށެވެ. މިގޮތަށް އަމަލު ކުރުމަށް އަންގާފައިވަނީ ކުރިއަށް އޮތް ދެ ހަފްތާއަށެވެ. ނަމަވެސް ކޭސްތައް މަދުނުވާނަމަ ދެ ހަފްތާއަށްވުރެ ގިނަ ދުވަހު މި އުސޫލު ދަމަހައްޓަން ޖެހިދާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް ވަނީ ވަކި ވަގުތުތަކެއްގައި އެއްގައުމު އުޅަނދު ދުއްވުން މަނާކޮށްފައެވެ. އެގޮތަށް ނިންމާފައިވަނީ މާލެ ސަރަހައްދުގައި ކުރިންވެސް ކޭސްތައް ގިނަވި ދުވަސްވަރުއެވެ.

މާލެ ސަރަހައްދުގައި އަނެއްކާވެސް ކޭސްތައް އިތުރުވުމާ ގުޅިގެން އެޗްޕީއޭއިން މިވަނީ އަނެއްކާވެސް ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ. އެގޮތުން ކާފިއު ގަޑި އިތުރުކޮށް، ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ. އަދި ޕްރީ ސްކޫލުތަކާއި ނާސަރީތަކާއި ޑޭ ކެއާގެ ހިދުމަތްތައްވެސް ބަންދުކުރުމަށް ވަނީ އަންގައިފައެވެ.

މީގެ އިތުރުން ކޮލެޖްތަކުގައި އޮންލައިންކޮށް ކިޔަވައިދުމަށް އަންގާފައިވާއިރު، ސަރުކާރު މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ކުރުމަށްވެސް ވަނީ އަންގައިފައެވެ. އަދި ކަސްރަތަށް ހާއްސަ ތަންތަން ފިޔަވައި އާންމު ޕާކުތަކާއި މައިދާންތައް ބަންދުކުރުމަށާއި އެކަނި ކުރާ ކަސްރަތުތައް ފިޔަވައި އެހެން ހުރިހާ ކުޅިވަރު ހަރަކާތްތައް ހުއްޓާލަންވެސް ވަނީ އަންގައިފައެވެ.