ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ އިސްލާމްދީން އިރުޝާދު ދޭ ގޮތް ކަމަށް ހޯމް މިނިސްޓަރު ޝައިހު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، މިއަދު ކޮވިޑް ވެކްސިން ޖައްސަވަނިކޮށް ނަންގަވާފައިވާ ފޮޓޯތަކަކާއެކު ކުރެއްވި ޓުވީޓެގައެވެ. އެ ޓުވީޓުގައި އިމްރާން ވިދާޅުވީ، ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ތިމާ އާއި ތިމާގެ އާއިލާ އާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވަނީ އިއްޔެ އެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމު އަދުނާނުގެ އިތުރުން ކެބިނެޓުގެ ބައެއް ވަޒީރުން ވެސް އިއްޔެ ވެކްސިން ޖެއްސެވި އެވެ.

ރާއްޖޭގައި ކޮވިޑު ވެކްސިން ޕްރޮގުރާމް އިއްޔެ ފެށުމާ ގުޅިގެން އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ދައުލަތުގެ ތިންބާރުގެ ވެރިން ވެކްސިން ޕްރޮގްރާމުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންނެވުމުން ވެކްސިންއާމެދު ސުވާލު އުފެދޭނެ ޖާގައެއް ނެތް ކަމަށެވެ. އަދި ކޮވިޑުގެ ވެކްސިން ދިވެހިންނަށް ޖަހަން ފެށުމަކީ، ދިވެހި ރައްޔިތުން ކޮވިޑުން ސަލާމަތް ކުރުމަށް ރައީސް ފެއްޓެވި މަސައްކަތަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް ވެސް ވިދާޅުވި އެވެ.