ރާއްޖެއަށް ކޮވިޑުގެ ތިން ވަނަ ރާޅެއް އައިސްފައިވާއިރު، މިއީ އެޗްޕީއޭ އާއި ހެލްތު މިނިސްޓްރީން އިތުރު އިޖުރާތު އުފައްދަން ވީ ވަގުތު ނޫން ކަމަށާއި މިއީ ވެކްސިން ޖަހައިގެން ކޮވިޑް ކޮންޓްރޯލް ކުރަން ވީ ވަގުތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ކޮވިޑް ޖެހޭ މީހުންގެ އަދަދު 200 އިން މައްޗަށް ދިޔުމާއި ގުޅިގެންނެވެ. އަދި މިއީ ރާއްޖެއަށް އެ ބަލީގެ ތިންވަނަ ރާޅު އައިސްފައިވާ ވަގުތެއް ކަމަށް ސިއްހީ މާހިރުން ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސްކޫލްތަކާއި ރާއްޖޭގެ ބޯޑަރު އަލުން ބަންދު ކުރުމަކީ އެންމެ ބުއްދިވެރި ގޮތެއް ނޫން ކަމަށެވެ. އަދި އަވަހަށް ވެކްސިން ޖަހައި ކޮވިޑް ކޮންޓްރޯލް ކުރުން ވަރަށް ބޭނުންތެރި ކަމަށާއި މިއީ އެޗްޕީއޭ އާއި ހެލްތު މިނިސްޓްރީން އިތުރު އިޖުރާތުތައް އުފއްދަން ވީ ވަގުތު ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ ބުއްދި ބަހައްޓައިގެން ކަންކަން ކުރުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވާއިރު އިއްޔެ މި ޕްރޮގްރާމް ފެށުމަށްޓަކާ ބޭއްވި ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރާއި ދައުލަތުގެ އިސްވެރިންނާއި، ސިއްހީ ބައެއް ހިދުމަތްތެރިންގެ އިތުރުން ކުރީ ސަފުގައި މަސައްކަތް ކުރާ ބައެއް ބޭފުޅުންވެސް ވަނީ މި ވެކްސިން ޖައްސަވާފަ އެވެ.

ރާއްޖޭގައި އިއްޔެ ދޭން ފެށި ކޮވިޝީލްޑް ވެކްސިން މިހާތަނަށް 282 މީހަކަށް ވަނީ ދީފަ އެވެ.

ކޮވިޑްގެ ކޭސްތައް ވޭތުވެދިޔަ ދުވަސްތަކުގައި ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. އެގޮތުން މިދިޔަ ހަފުތާއިން ފެށިގެން ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު 100 އިން ދަށްވެފައެއް ނުވެއެވެ. މިދިޔަ މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 50 ކޭސް ފެނެއެވެ. އިއްޔެވެސް ވަނީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެފައެވެ. އެގޮތުން އިއްޔެ 215 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. މީގެ ކުރިން 215 މީހުން ޕޮޒިޓިވްވެފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ދެވަނަ ދުވަހުއެވެ.