ރާއްޖޭގައި މިއަދު ކޮވިޑް 19 ގެ ވެކްސިން ޖަހަން ފެށުމާއެކު، ދިވެހި ދައުލަތުގެ ތިންބާރުގެ ވެރިން ވެކްސިން ޕްރޮގްރާމްގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންނެވުމުން ވެކްސިންއާ މެދު ސުވާލު އުފެދޭނެ ޖާގައެއް ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވީ ރާއްޖެ ގެނެސްފައިވާ ކޮވިޑް ވެކްސިން ނުޖެހުމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދިއުމާ ގުޅިގެންނެވެ.
ރާއްޖޭގައި ޖަހަން ފަށާފައިވާ ކޮވިޑް ވެކްސިނަކީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް19 "ކޮވިޝީލްޑް" ވެކްސިނެވެ.
މިއަދު ހެނދުނު ވެކްސިން ޖަހަން ފެށުމާއެކު ހަތަރުވަނައަށް ވެކްސިން ޖެއްސެވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. އެއަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެކްސިން ޖެއްސެވިއެވެ. އެއަށް ފަހު އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމު އަދުނާނު ވަނީ ވެކްސިން ޖައްސަވައިފައެވެ.
އެ ބޭފުޅުންނަށްފަހު ދައުލަތުގެ ބައެއް މިނިސްޓަރުންވެސް ވެކްސިން ޖެއްސެވިއެވެ. އޭގެ ތެރޭގައި ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދާއި، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހިމެނިވަޑައިގަންނަވައެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ، ކޮވިޑް 19 ގެ ވެކްސިން ދިވެހިންނަށް ޖަހަން ފެށުމަކީ، ދިވެހި ރައްޔިތުން ކޮވިޑުން ސަލާމަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިިމް މުހައްމަދު ސޯލިހު ފެއްޓެވި މަސައްކަތަށް ލިބުނު އެންމެ ބޮޑު ކާމިޔާބު ކަމަށެވެ.
މީގެ އިތުރުން "ފަރުދުންނާއި މުޖުތަމައު ބަލިތަކުން ރައްކާތެރި ކުރުމަށްޓަކައި އެކަމަށް ހޯދިފައިވާ ރަނގަޅު ފަރުވާގެ ބޭނުން ހިފުމާއި، ﷲ ގެ ހަޒުރަތުން މަދަދަށް އެދި ދުއާ ދެންނެވުމަކީ އިސްލާމް ދީނުގެ ވަކީލު ކުރުމުގެ މުހިއްމު އަސާސްތަކެއް،" ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން އަބްދުﷲ
މިނިސްޓަރު އިމްރާން އަބްދުﷲ
މިނިސްޓަރު އިމްރާން އަބްދުﷲ
މިނިސްޓަރު އިމްރާން އަބްދުﷲ