ކޮވިޑް 19 އިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ފިޔަަވަޅުތަކާ ދުރަށް ދެވެން އޮތީ ކޮވިޑް 19 ގެ ވެކްސިން ޖަހައިގެން ކަމަށް ކޮވިޑް ވެކްސިން ޕްރޮގްރާމްގެ ހެޑް އަދި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މިއަދު ކޮވިޑް ވެކްސިން ދޭން ފަށާފައިވާއިރު އެކަން ފާހަގަ ކުރައްވައި، ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑް 19 ގެ ބަލިމަޑުކަމަށް އަހަރެއްހައި ދުވަސް ވީއިރު، އެ ބަލި ކޮންޓްރޯލް ކުރުމަށް ކުރެވޭ ކަންތައްތަކަކީ، މާސްކު އެޅުމާއި ގައިދުރުކަން ބޭއްވުން ފަދަ ކަންތައްތަކެއް ކަމަށެވެ.
ނަމަވެސް ޑރ. ނަޒްލާ ވިދާޅުވީ، މިއަދު ޖަހަން ފެށި ކޮވިޑް ވެކްސިނަކީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ލިބުނު އިތުރު ހަތިޔާރެއް ކަމަށެވެ. އެހެންކަމުން ކޮވިޑް 19 އިން ސަލާމަތް ވުމަށް މިހާރުއަޅާފައިވާ ފިޔަވަޅުތަކުން ދުރަށް ދެވެން އޮތީ ކޮވިޑް ވެކްސިން ޖަހައިގެން ކަމަށް ވިދާޅުވެ ޑރ.ނަޒްލާ އެކަމަށް އިލްތިމާސް ކުރެއްވިއެވެ.
މާލޭގެ އިތުރުން އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީގައި އެކަނި މިއަދު ވެކްސިން ޖެހުމުގެ ކަންތައް ކުރިއަށްދިޔަ ނަމަވެސް، ޑރ. ނަޒްލާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެކި ރަށްރަށުގައި ވެކްސިން ޖެހުން ކުރިއަށްދާނެ ކަމަށާއި، އެކަމަށް ބޭނުންވާ ތަމްރީނުތައް ދިނުމާއި އެތަންތަނަށް ވެކްސިން ފޮނުވުމުގެ ކަންތައް ކުރިއަށް އެބަދާ ކަމަށެވެ.
މި ވެކްސިނަކީ އާއްމުކޮށް ގިން ވެކްސިން ބެހެއްޓޭވަރުގެ ފިނިހޫނު މިނުގައި ބެހެއްޓޭ ތަކެތިކަމުން ރަށްރަށުގައި ވެކްސިން ޖެހުމަށް ފޮނުވާ ވެކްސިން ބެހެއްޓުމުގެ ކެޕޭސިޓީ އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ. ވެކްސިން ގެންއުޅެން ޖެހޭ ކޯލްޑް ބޮކްސް އާއި ތަކެތި ބޭނުންވާ ވަރަށް ހުރުމާއެކު އެކި ރަށްރަށުގައި ވެކްސިން ޖަހަން ޖެހޭ މީހުންނަށް ވެކްސިން ޖަހާވަރަށް ވެކްސިން ފޮނުވުމަށް ދަތިކަމެއް ނެތް ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވީ، ވެކްސިން ޖެހުމަށްފަހު ފެންނަ ނަތީޖާއެއް ބެލުމަށް ވެކްސިން ދޭ މަރުކަޒުގައި 15 މިނިޓް މަޑު ކުރެއްވުމަށްފަހު ގެއަށް ވަޑައިގަތުމަށްފަހުވެސް، ގައިން ފިތްނަގައި ނޭވާލާން އުނދަގޫވާ ފަދަ ބޮޑުކަމެއް ދިމާވެއްޖެނަަމަ އަވަހަށް ޑޮކްޓަރަށް ދައްކަން ޖެހޭނެ ކަމަށެވެ. އަދި އާދައިގެ ގޮތަކަށް ހުން ހައިސް ކަމެއް ވާނަމަ 1676 ނަމްބަރަށް ގުޅައި އެކަން ހިއްސާކުރުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19