ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ނަންގަވައިފި އެވެ.

މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވެކްސިން ޖައްސަވާފައިވަނީ، ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފެށުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި މިހާރު ކުރިޔަށް ދާ ހާއްސަ ރަސްމިއްޔާތުގަ އެވެ.

މަޖިލިސް ރައީސް، ނަޝީދުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާންވެސް ވަނީ މި ވެކްސިން ގެ ފުރަތަމަ ޑޯޒް މިއަދު ނަންގަވައިފަ އެވެ. މީގެ އިތުރުން ބައެއް މިނިސްޓަރުންނާއި ސިއްހީ ހިދުމަތްތެރިންނާއި ފްރޮންޓްލައިންގައި މަސައްކަތް ކުރަމުން އަންނަ ބައެއް ފަރާތްތަކުން ވެސް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ނަންގަވައިފަ އެވެ.

ރާއްޖޭގައި ޖަހަން ފަށާފައި މިވަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި އޮކްސްފޯޑް އާއި އެސްޓްރަޒެނިކާ އިން ގުޅިގެން އުފެއްދި ކޮވިޝީލްޑް ވެކްސިނެވެ. އިންޑިއާގެ ސިރަމް އިންސިޓިއުޓާއި އެކު ވި އެއްބަސްވުމުގެ ދަށުން އުފައްދަމުން އަންނަ ކޮވިޝީލްގެ 100،000 ޑޯޒް ވެކްސިން ވަނީ ރާއްޖެއަށް ހަދިޔާ ކޮށްފައެވެ. މި ވެކްސިން ރާއްޖެ ގެނެސްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.

ވެކްސިން ދިނުމަށްޓަކައި ބަލަން ޖެހޭ ކަންކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބެލުމަށްފަހު ވެކްސިން ޖެހުމުގެ ހުއްދަ މިދިޔަ މަހުގެ 26 ވަނަ ދުވަހު ވަނީ ދީފަ އެވެ. މި ހުއްދަ ދީފައިވަނީ ހާލަތަށް ރިއާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުން ކުރުމަށް ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.