ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފި އެވެ.

ކޮވިޑް 19ގެ ވެކްސިން ޕްރޮގުރާމު ފެށުމުގެ ގޮތުން މާފަންނު ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތަށްފަހު މިއަދު ހެނދުނު 9:30 ހާކަންހާއިރު ރައީސް ސޯލިހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެއްސެވީ ރައްޖޭގައި އެ ވެކްސިން ޖެއްސެވި ހަތަރުވަނަ ބޭފުޅާގެ ގޮތުގައެވެ.

އެމަނިކުފާނަށް ވެކްސިން ދިނުމުގެ ކަންތައް ވެސް ކުރިއަށް ދިޔައީ އެހެން މީހުންނަށް ވެސް ވެކްސިން ދިނުމުގެ ކަންތައް ކުރިއަށް ގެންދިޔަ ގޮތަށް، ވެކްސިންއާ ބެހޭ މައުލޫމާތު ދެއްވުމަށްފަހުގައެވެ. އަދި ވެކްސިން ދިނުމަށްފަހު އެތަނުގައި ހޭދަކުރަން ޖެހޭ 15 މިނިޓުގެ ވަގުތުކޮޅު އެހެން މީހުންނެކޭ އެއްފަދައިން އެމަނިކުފާނުވެސް ވަނީ ހޭދަ ކުރައްވައިފައެވެ.

އެމަނިކުފާނު ވެކްސިން ޖެއްސެވީ، ކޮވިޑް ވެކްސިން ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، އެ ވެކްސިން ޖެހުމުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ބައިވެރިވެވަޑައިގެންދެއްވުން އެދި އިލްތިމާސް ކުރެއްވުމަށްފަހުގައެވެ.

ރައީސް ވިދާޅުވީ، "އަޅުގަނޑުގެ އިލްތިމާސަކީ ހުރިހާ ރައްޔިތުން މިކަމުގައި ބައިވެރިވެވަޑައިގެން، އަޅުގަނޑުމެންނަށް މިކަމުގައި ކުރިިމަތިވެފައި މިވާ ދަތި އުނދަގުލުން ސަލާމަތްވުމަށް، އެންމެން އެކީގައި މަސައްކަތް ކުރުން،" ކަމަށެވެ.

ކޮވިޑުން އަރައިގަތުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި، އެ ކަންތަކުގައި މިހިސާބަށް އާދެވިފައި އޮތީ ހެލްތު އެކްސްޕާޓުންގެ ލަފަޔާ އެއްގޮތަށް ރައްޔިތުން ކުރި މަސައްކަތުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކޮވިޑް ވެކްސިން ދީ ނިމޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދު ފެށި ކޮވިޑް ވެކްސިން ޕްރޮގްރާމްގައި އެއްމެ ފުރަތަމަ ޖެއްސެވީ، ހުޅުމާލެ ކޮވިޑް ފެސިލިޓީއާ ހަވާލުވެވަޑައިގެން ހުންނެވި އައިޖީއެމްއެޗްގެ ޑރ. ޝިރާނީ އަބުދުއްރަހްމާން އެވެ.

އެއަށްފަހު ދައުލަތުގެ ތިން ބާރުގެ ވެރިން ކަމުގައިވާ، ރައީސުލް ޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމު އަދުނާނު ވަނީ ވެކްސިން ޖައްސަވައިފައެވެ. އަދި ސަރުކާރުގެ ބައެއް ވަޒީރުންވެސް މިއަދު ހެނދުނު ވެކްސިން ޖެއްސެވިއެވެ.

މިއަދު ފެށި ވެކްސިން ޕްރޮގްރާމްގައި ވެކްސިން ޖެހުމުގެ ކަންތައް ކުރިއަށް ގެންދަނީ، ސިއްހީ ހިދުމަތްތެރިންނާއި ސިފައިންނާއި ފުލުހުންނަށް އިސްކަން ދީގެންނެވެ.

ރާއްޖޭގައި ދޭ ކޮވިޑް ވެކްސިނަކީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 100،000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފަ އެވެ.

ކޮންމެ މީހަކަށް ވެސް ވެކްސިންގެ ދެ ޑޯޒް ދޭން ޖެހޭތީ އެ ޝިޕްމަންޓުން ވެކްސިން ދެވޭނީ 50،000 މީހުންނަށެވެ. މާލޭގެ އިތުރުން އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީގައި ވެސް މިއަދު ވަނީ ވެކްސިން ޖަހަން ފަށައިފަ އެވެ.

އައްޑޫ ސިޓީގައި ވެކްސިން ދޭނީ އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުގައެވެ. ކުޅުދުއްފުށީގައި ވެކްސިން ދޭނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވީ ކުރިއަށް އޮތްތަނުގައި، ހެލްތު ފެސިލީތައް ބޭނުން ކޮށްގެން، ރާއްޖޭގެ ހުރިހާ ރަށަކުން ވެކްސިން ޖެހުމުގެ ކަންތައް ކުރިއަށްދާނެ ކަމަށެވެ. ޓާކެޓަކީ ދުވާލަކު 10،000 މީހުންނަށް ވެކްސިން ދިނުން ކަމަށް ވެސް މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.