އަމާޒަކީ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް 6 މަސް ދުވަސް ތެރޭ ވެކްސިން ދީ ނިންމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް ބަލިން އަރައިގަތުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި މިހިސާބަށް އާދެވިފައި އޮތީ ހެލްތު އެކްސްޕާޓުންގެ ލަފަޔާ އެއްގޮތަށް ރައްޔިތުން ކުރި މަސައްކަތުގެ ސަބަބުން ކަމަށެވެ. އަދި ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ރާޢްޖޭގެ ހުރިހާ ރައްޔިތުންނަށް ކޮވިޑް ވެކްސިން ދީ ނިމޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މިކަމުން މާ ލަހެއް ނުވެ އަރައިގަނެވޭނެ. ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައިވާއިރު، މިކަން މެދުނުކެނޑި ކުރިއަށް ގެންދެވޭނެ އިންތިޒާމްތަކެއް ރޭވިގެން އިރާދަކުރެއްވިއްޔާ ކުރިޔަށް ދާނެ." ރައީސް ސޯލިހު ވިދާޅުވިއެވެ.

މިއަދު ވެކްސިން ޖެހުމުގެ ޕްރޮގްރާމް ރާއްޖޭގައި ފަށާފައިވާއިރު ވެކްސިން ޖައްސަވާ ހަތަރު ވަނަ ބޭފުޅަކީ ރައީސް ސޯލިހެވެ.