ހއ. މުރައިދޫން ކޮވިޑު ޖެހި ރަނގަޅުވި މީހެއް އަލުން ޕޮޒިޓިވްވެފައިވާތީ، އެ ކޭސްއަކީ ރީ އިންފެކްޝަނެއްތޯ ބެލުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ނިންމައިފިއެވެ.

މުރައިދޫން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެ ކޭސްއާ ގުޅިގެން އެރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެރަށުން ޕޮޒިޓިވްވީ ރިސޯޓެއްގައި މަސައްކަތް ކުރަމުންދިޔަ ފަރާތެއް ކަމަށާއި އޭނާ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ 28 ނޮވެމްބަރުގައި ކަމަށެވެ. އަދި އޭނާ ރަނގަޅުވެފައިވަނީ މިދިޔަ މަހު ކަމަށެވެ.

އުސޫލުގެ ދަށުން ތިން މަސް ނުވާނަމަ ކަރަންޓީން ވާން ނުޖެހޭތީ އޭނާ އެރަށަށް ދިއުމުން ކަރަންޓީން ކޮށްފައިނުވާ ކަމަށާއި ނަމަވެސް ބަލީގެ އަލާމަތްތައް ފެނިގެން އޭނާ ޓެސްޓްކުރިއިރު އަލުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ އޭނާއަކީ ރީ އިންފެކްޝަން ކޭސްއެއްތޯ ބެލުމަށް މިހާރު ނިންމާފައިވާ ކަމަށާއި އެގޮތަށް ނިންމާފައިވަނީ ރީ އިންފެކްޝަން އެސެސް ކުރުމަށް ގެންގުޅޭ ކްރައިޓީރިއާތަކަށް ބެލުމަށްފަހު، އޭނާއަކީ ރީ އިންފެކްޝަން ކޭސްއަކަށް ވެދާނެ ކަމަށް ބެލެވޭތީ ކަމަށެވެ.

"ތިންމަސް ތެރޭގައި ކުރިން ޕޮޒިޓިވްވި މީހުން އިތުރަށް ޕޮޒިޓިވްވުމުގެ ފުރުސަތު ހަމަ އޮންނާނެ. ދެވަނަ ފަހަރަށް ޕޮޒިޓިވް ނުވި ކަމުގައިވިޔަސް. ގިނަ ދުވަހަށް ޕީސީއާރް ޓެސްޓް ޕޮޒިޓިވްވާ ވާހަކަ އަޅުގަނޑުމެން އަބަދުވެސް ދައްކަން. އެހެންނަމަވެސް ރީ އިންފެކްޝަނެއްތޯ އެސެސް ކުރަން އަޅުގަނޑުމެން މި ގެންގުޅޭ ކްރައިޓީރިއާއަށް ބަލާއިރު، އަޅުގަނޑުމެންނަށް ބެލެވޭ މިއީ ރީ އިންފެކްޝަނަށް ވެދާނެ ކަމަށް. ނަމަވެސް ސީދާ ރީ އިންފެކްޝަނެއްތޯ މިވަގުތު ދަންނަވާކަށް ނޭނގެ،" ނަލްޒާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ އޭނާގެ ކޮންޓެކްޓުންގެ ގޮތުގައި 10 މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެރަށުގައި ރެންޑަމްކޮށް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށާއި މިހާތަނަށް 84 ސާމްޕަލް ނަގާފައިވާ ކަމަށް ވިދާޅުވިއެވެ.