ރާއްޖޭގައި ކޮވިޑް ވެކްސިން ޖެހުމަށް މާދަމާ ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ނިންމައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ރާއްޖޭގައި ކޮވިޑް ވެކްސިން މާދަމާ ޖަހަން ފަށާނެ ކަމަށާއި އެކަމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް މާދަމާ ހެނދުނު ސޯސަލް ސެންޓަރުގައި އޮންނާނެ ކަމަށެވެ.
މާދަމާ ހެނދުނު އޮންނަ އެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަޑައިގަންނަވާނެއެވެ. ކޮވިޑް ވެކްސިން ޖެހުމުގެ ރަސްމިއްޔާތު ފަށާނީ މާދަމާ ހެނދުނު 9:00 ގައެވެ.
ޑރ. ނަޒްލާ ވިދާޅުވީ، މާދަމާ ހަ ތަނެއްގައި ވެކްސިން ޖަހަން ފަށާނެ ކަމަށެވެ.
"މާލޭ ސަރަހައްދުގައި އައިޖީއެމްއެޗް، އޭޑީކޭ، ހުޅުމާލޭ ހޮސްޕިޓަލް، ވިލިމާލޭ ހޮސްޕިޓަލް އަދި ސެނެހިޔާ. އޭގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއޮޓޯރިއަލް ހޮސްޕިޓަލްގައި މާދަމާ ވެކްސިން ޖަހަން ފެށޭނެ، އައްޑުއާއި ފުވައްމުލަކަށް މިހާރު މިވަނީ ވެކްސިން ގެންގޮސްފައި،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، މާދަމާ ވެކްސިން ޖަހާނީ ސިއްހީ ދާއިރާގައި ފްރަންޓްލައިންގައި އުޅޭ މުވައްޒަފުންނާއި ސޯސަލް ކެއާ ފްރަންޓްލައިނުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ގަޔަށް ކަމަށެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ވެކްސިން ޖެހުމަށް 660 މީހުން ރާއްޖޭގެ އެކި ސަރަހައްދުތަކުން ތަމްރީންކޮށްފައިވާ ކަމަށެވެ.
ކޮވިޑްގެ ވެކްސިން ޖަހާ ތަންތަނުގެ އިންސްޕެކްޝަންތައް ނިންމައި އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، ޑރ. ނަޒްލާ ވިދާޅުވީ ވެކްސިން ޖަހާނީ ކޮނޑު މަސްގަނޑަށް ކަމަށާއި އެހެންކަމުން ވެކްސިން ޖަހަން އަންނަ އިރު ދޫ ހެދުމެއް ލުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ސިއްހީ މައްސަލައެއް ހުންނަ މީހުން ވެކްސިން ޖަހަން އަންނައިރު ސިއްހީ ލިޔެކިޔުންތައް ގެނައުމަށް ޑރ. ނަޒްލާ ވަނީ އިލްތިމާސްކުރައްވައިފައެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ވެކްސިން ޖެހުމަށް ފަހު ފަނަރަ މިނެޓް މަޑުކުރަން ޖެހޭނެ ކަމަށާއި އެއީ ވެކްސިން ޖެހުމުން އެއްވެސް ރިއެކްޝަނެއް އާދޭތޯ ބެލުމުގެ ގޮތުން ކަމަށެވެ. އަދި އެއްވެސް އެއްޗަކަށް އެލާޖީވާ މީހުން 30 މިނެޓު ވަންދެން މޮނީޓާ ކުރާނެ ކަމަށް ވިދާޅުވިއެވެ.
"ވެކްސިން ޖަހަން އަންނައިރު ރަނގަޅަށް ކެއިން ބައްލަވައިގެން އައުން މުހިންމު. އަމިއްލަ ފެންފުޅި ގެނައުން މުހިންމު. އައިޑީ ކާޑް ނުވަތަ ޕާސްޕޯޓް ހިއްޕަވައިގެން ވަޑައިގަތުން މުހިންމު،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ރާއްޖޭގައި މާދަމާ ޖަހަން ފަށަނީ އޮކްސްފޯޑާއި އެސްޓްރަޒެނެކާ އިން އިންޑިއާގައި އުފައްދާ "ކޮވިޝީލްޑް" ވެކްސިނެވެ. އޭގެ 100،000 ޑޯޒް އިންޑިއާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ.
އެ ވެކްސިން މާދަމާ ޖަހަން ފަށާފައިވާ އިރު، "ކޮވިޝީލްޑް" ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ ދީފައެވެ. މި ހުއްދަ ދީފައިވަނީ ހާލަތަށް ރިއާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުންކުރުމަށް ކަމަށެވެ. އަދި ރާއްޖޭގައި މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައި ވަނީ މިކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކުރުމަށްފަހު، އެ އޮތޯރިޓީއަށް ފަންނީ ލަފާދޭ ޓެކްނިކަލް ބޯޑު، ނޭޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާއި މަޝްވަރާއާއެކު ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
ކޮވިޝީލްޑް ވެކްސިނަށް ހުއްދަ ދޫކޮށްފައިވަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ބޭނުންކުރުމަށެވެ. އަދި މި ވެކްސިން މާބަނޑު މީހުން ބޭނުންކުރުމުގެ ހުއްދަ ދީފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު