އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން ރިޝަވަތު ގަބޫލުކުރުމާއި މަނީލޯންޑަރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކުރާ ދައުވާއަށް އެމަނިކުފާނު އިންކާރު ކުރައްވައިފިއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު އޮތް އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި، އެ ދެކުށަށް އިއުތިރާފުވަނީތޯ، ނުވަތަ އިންކާރު ކުރަނީތޯ، ކުރިމިނަލް ކޯޓުގެ އިސް ގާޒީ މުހައްމަދު ޝަކީލް ރައީސް ޔާމީނާ ސުވާލުކުރެއްވުމުން ވިދާޅުވީ، އެ ދެ ދައުވާއަށްވެސް އިންކާރުކުރައްވާ ކަމަށެވެ.
ނަަމަވެސް އެ ދައުވާތަކަށް އެކަށީގެންވާ ދިފާއެއް ތައްޔާރުކުރުމަށް އެ މައްސަލައިގެ ލިޔެކިއުންތައް ބޭނުންވާ ކަމަށާއި، އޭގެ ބައެއް ލިޔެކިއުންތައް ދައުލަތުން ނުދީ ހިފަހައްޓާފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެމަނިކުފާނު ދައުވާއަށް އިންކާރު ކުރަންޖެހޭ ސަަބަބުގެ ތަފްސީލުތައް އެމަނިކުފާނުގެ ވަކީލުން ދެއްވާނެ ކަމަށެވެ.
އެ ސަބަބުތަކުގެ ތަފްސީލު ހާމަކުރައްވަން ފައްޓަވަމުން ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ވަކީލު އަދި ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ، އެ ދައުވާ ސާފުނުވާކަމަށް ދައުވާ ލިބޭ ފަރާތުން ބުނި ނަމަވެސް އެ ފަރާތަށް ދައުވާ ސާފުވާނެ ކަމަށް ނިންމީ ޝަރީއަތުގެ މަޖިލީހުން ކަމަށެވެ. އަދި އެ މައްސަލައިގައި ދިފާއުވުމަށް އެކަށީގެންވާ ފުރުސަތު ލިބިފައި ނުވާކަން ފާހަގަކުރައްވައި ޖަމީލު ވިދާޅުވީ، ދައުވާ ރައްދުވާ ފަރާތައް، އެ ދައުވާއާބެހޭ ލިޔެކިއުންތައް ލިބިދިނުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ހައްގެއް ކަމަށާއި، ނަމަވެސް އެކަމާބެހޭ ބައެެއް ލިޔެކިޔުންތައް ލިބިފައިނުވާ ކަމަށެވެ.
ޑރ. ޖަމީލު ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ރައީސް ޔާމީނުުގެ މައްޗަށް އުފުލާފައިވާ އެ ދެ ދައުވާއަކީ ކުށުގެ އެއްވެސް އަމަލެއް ހިނގާފައިނުވާ ދެ ދައުވާ ކަމަށާއި، އެއީ ކުށްކޮށްގެން ކުށުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާއެއް ނޫން ކަމަށެވެ. އަދި އެއީ ސިޔާސީ ދައުވާތަކެއްކަންވެސް ޑރ. ޖަމީލް ފާހަގަކުރެއްވިއެވެ.
"މިއީ މުތުލަގު ގޮތެއްގައި ހަދައިގެން ފެބްރިކޭޓްކޮށްގެން އުފައްދައިގެން އަދި ތައައްސުބު ބައިއެސްއެއްގެ ތެރެއިން ސިޔާސީ ހަސަދައެއް ފިލުވައިލުމަށްޓަކައި ސިލްސިލާގޮތެއްގައި ކުރެވެމުންދާ ފުރައްސާރަކުރުމާއި މުކަރީ އޮފް ޖަސްޓިސްގެ ތެރެއިން ގާނޫނުއަސާސީގައި ހިމެނިފައިވާ އެެއްމެހާ ހަމަތަކާއި ގާނޫނާއި އެންމެހާ ފަރުދުންގެ ހައްގުތަކާއި، މިނިވަންކަން ލިނބިގަތުމަށް ގާނޫނު އަސާސީގެ 223 މާއްދާގައި ކަނޑައަޅާފައިވާ ދުސްތޫރީ އެންމެހާ ގެރެންޓިއާ ހިލާފަށް ޕީޖީގެ ފަރާތުން އުފުލާފައިވާ ދައުވާއެއް،" ޑރ. ޖަމީލު ވިދާޅުވިއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމަވައިލައްވަމުން، އިސްގާޒީ މުހައްމަދު ޝަކީލް ވިދާޅުވީ، އަންނަ މަހުގެ ފުރަތަމަ ދިހަ ދުވަހުގެ ތެރޭގައި މި މައްސަލައިގެ އިބުތިދާއީ އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އެ އަޑުއެހުމުގައި އޮންނާނީ ހެކި ހާމަކުރުމާއި، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ފުރުސަތު ދިނުމާއި ހެތްކާމެދު ވާހަކަދައްކައި ހެތްކާމެދު އިންކާރުކުރާނަމަ އެކަންތައްތައް ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު