ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމުގެ ގާނޫނީ ބާރު އިލެކްޝަން ކޮމިޝަން (އީސީ) އަށް ލިބިދީފައިވާނަމަ، އިންތިހާބު ބާއްވާނީ އާންމު ހާލަތަށް ރުޖޫއަވުމުން ކަމަށް އީސީގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
އީސީން ވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް އިއުލާކޮށްފަ އެވެ. ނަމަވެސް ގާނޫނުގައިވާ ގޮތުން އިންތިހާބު ބޭއްވޭނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާ ގައިޑްލައިންތަކާ އެއްގޮތަށެވެ.
ވީޓީވީގެ "ގޮނޑިކޮޅު" ޕްރޮގްރާމުގައި މިއަދު ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ އިންތިހާބުގެ މަސައްކަތްތައް މިއަދު ފަށާފައިވާއިރު ކޮންމެ ރަށެއްގައި ފޯކަލް ޕޮއިންޓެއް މިހާރު އައްޔަންކޮށް އީސީގެ ކޮމްޕެއިން ބިއުރޯއެއް ވެސް އުފައްދާފައިވާ ކަމަށެވެ. ނަމަވެސް އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ލިބިދީފައި އޮތްނަމަ އިންތިހާބު ބާއްވާނީ އާންމު ހާލަތަށް ރުޖޫއަވުމާއެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުންނަށް ގަބޫލު ކުރެވުނީ ގާނޫނުގައި އެވާގޮތަށް އިންތިހާބު ބާއްވަން ޖެހޭނޭ. އަނެއްބައި ބޭފުޅުންނަށް ގަބޫލު ކުރެވުނީ އިންތިހާބު ބޭއްވިޔަސް އިލެކްޝަން ކޮމިޝަނަށް އެބަޖެހޭ އިންތިހާބު ބާއްވާނެ މާހައުލެއް އޮތްތޯ ނުވަތަ ނެތްތޯ ޔަގީންކުރަން. އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުންނަށް ގަބޫލު ކުރެވުނީ ޖޫން މަހު ނުވަތަ ޖޫން މަހުގެ ފަހުކޮޅު މި ވެކްސިން ދީގެން އާންމު ހާލަތަކަށް ރުޖޫއަ ވެވޭނެ ކަމަށް،" ޝަރީފު ވިދާޅުވި އެވެ.
ޝަރީފ ވިދާޅުވީ އިންތިހާބު ބާއްވާނެ ތާރީހެއް އިއުލާންކޮށްފައިވަނީ ގާނޫނުގައި ވަކި މުއްދަތެއް ކަނޑައަޅާފައި އޮތުމުން ވަކި ތާރީހެއް އިއުލާން ކުރަންޖެހޭތީ ކަމަށެވެ. ނަމަވެސް ހާލަތު ބަދަލުވާނަމަ އިންތިހާބު ލަސް ކުރުމުގެ ކަންކަން ފަހުން ވެސް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު