ރާއްޖޭގައި ކޮވިޑު ކޭސްތައް އިތުރުވީ ސްކޫލުތައް ހުޅުވުމުން ނޫން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ކޮވިޑުގެ އަދަދުތައް އިތުރުވާން ދިއުމާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ފިޔަވަޅުތައް ވަރުގަދަކުރަން ފަށައިފައެވެ. އެގޮތުން ކާފިއު ހިންގުމާއި ރަށްރަށަށް ދާ މީހުންގެ ކަރަންޓީނުވުމުގެ އުސޫލު އަދި ރާއްޖެއިން ބޭރުން އަންނަ މީހުން ކަރަންޓީނުވުމުގެ އުސޫލަށް ބަދަލު ގެނައުމުގެ އިތުރުން ހަފުލާތަކާއި ޕާޓީތައް ބޭއްވުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެ ފިޔަވަޅުތަކުގެ ތެރޭގައި ސްކޫލުތައް ބަންދުކުރުމެއް ނުހިމެނެއެވެ.

އެޗްއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ކޭސްތައް އިތުރުވި ނަމަވެސް، ސްކޫލު ބަންދުކުރަން އަދި ނުނިންމާ ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް ފިޔަވަޅުތައް އަޅާއިރު ވެސް، ލުއި ދޭއިރުވެސް، އަޅުގަނޑުމެން ބުނަން އޭގެ ނަތީޖާ ފެންނަން ދެ ހަފުތާ ވަރު ނުވަތަ ތިން ހަފުތާ ވަރު އެންމެ މަދުވެގެން ނަގާނެއޭ. ސްކޫލު ހުޅުވިގެންނެއް ނޫން ކޭސަސް އިތުރުވެގެން މިދަނީ. ބައެއް ބޭފުޅުންނަށް އެގޮތަށް ހީފުޅުވޭ ކަންނޭނގެ،" އޭނާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ސްކޫލު ހުޅުވުނު ދެ ހަފުތާގައި ކޭސްތައް އިތުރުވުމަކީ ކޮންމެހެން ސްކޫލުގެ ސަބަބުން ކޭސް ގިނަވީ ކަމަކަށް ނުބުލެވޭނެ ކަމަށާއި ޖުމުލަކޮށް މުޅި މުޖުތަމައު ތެރޭގައި ކޭސް ގިނަވާ ކަމަށްވަންޏާ ސްކޫލު ބަންދުކުރުމުގެ ވިސްނުމެއް ގެންގުޅޭނެ ކަމަށެވެ. ނަމަވެސް ސްކޫލުތައް ބަންދުކުރާނީ ކޭސްތަކުގެ ޓްރެންޑަށް ބަލައި، އެކަމުގައި އެޑިއުކޭޝަން މިނިސްޓްރީއާ މަޝްވަރާ ކުރުމަށްފަހު ކަމަށް ވިދާޅުވި އެވެ.

ފަހަކަށް އައިސް، ސްކޫލުތަކުގެ ދަރިވަރުންނާއި ޓީޗަރުން އަދި މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވާ އަދަދު އިތުވާކަން ފާހަގަކުރެވުނު ނަމަވެސް، ބަލި ފެތުރެނީ ސްކޫލު ތެރެއިން ނޫން ކަމަށާއި ބަލި ޖެހެނީ ބޭރު ތެރެއިން ކޮންމެ ވެސް އެހެން މީހެއްގެ ފަރާތުން ކަމަށް މީގެ ކުރިން ޑރ. ނަޒްލާ ވަނީ ވިދާޅުވެފަ އެވެ.

ދިހަ މަހަށްފަހު މާލޭ ސަރަހައްދުގެ ސްކޫލުތައް ހުޅުވާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ. ސްކޫލުތަކަށް ކިޔަވަން ދާ ދަރިވަރުންގެ ރައްކާތެރިކަމާއި ސަލާމަތަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެގޮތުން އަތް ދޮވުމާއި މާސްކު އެޅުމާއި ހުން ބެލުމުގެ އިތުރުން ގައިދުރުކަން ބެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދީފައިވާނެ ކަމަށެވެ.

އޭގެ އިތުރުން ދަރިވަރުންނާއި ޓީޗަރުން ކޮންޓެކްޓު ނުވާނޭ ގޮތަށް ކިޔަވައިދިނުމުގެ ކަންކަން ހަމަޖައްސާފައިވާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.