އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މާލޭގެ އެކި ސަރަހައްދުތަކުގައި އިއްޔެ ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ދޫކޮށްލައިފިއެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ޝުޖާއު އާއި އަދުރޭ މިއަދު ހަވީރުގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ. ޝުޖާއު އާއި އަދުރޭ ހައްޔަރުކޮށްގެން ގެންދިޔައީ ދޫނިދޫއަށެވެ.
އިދިކޮޅުން މާލޭގެ އެކި ސަރަހައްދުތަކުގައި އިއްޔެ ކުރިއަށްގެންދިޔަ މުޒާހަރާތަކުގެ ތެރެއިން ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަޝިޕްގެ ތިން ބޭފުޅުން ހައްޔަރުކުރިއެވެ. އެއީ ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމާއި އަދުރޭގެ އިތުރުން ޝުޖާއުއެވެ. ޝިޔާމް ވަނީ ރޭގެ ވަގުތެއްގައި ދޫކޮށްލައިފައެވެ.
ޝުޖާއުއާއި އަދުރޭ ހައްޔަރު ކުރީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޑް ވެކްޝިނާ ބެހޭ ގޮތުން އަޑުއުފުލައި، ދަރުބާރުގޭ ކުރިމަތީގައި އިހުތިޖާޖުގެ ކުރަމުން ދަނިކޮށް އިއްޔެ މެންދުރުފަހުއެވެ. އެ ދެބޭފުޅުން އަތޮޅުވެހީގައި ބޭތިއްބުމަށް ފަހު ދޫނިދުއަށް ގެންގޮސްފައިވަނީ ރޭގެ ވަގުތެއްގައެވެ. މިދިޔަ ހޯމަ ދުވަހުވެސް އެ ދެ ބޭފުޅުން ހައްޔަރުކުރިއެވެ. ނަމަވެސް އެ ރޭ ވަނީ ދޫކޮށްލައިފައެވެ.
ޝިޔާމް ހައްޔަރުކުރީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި، ރޭ ބޭއްވި މުޒާހަރާގެ ތެރެއިންނެވެ.
އިދިކޮޅުން މިފަހަކަށް އައިސް ދަނީ މަގުމަތީގެ ހަރަކާތްތައް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދަމުންނެވެ. އެގޮތުން އިދިކޮޅުން ވަނީ "އިންސާފު ކޮބާ؟" ގެ ނަމުގައި މާދަމާ މުޅި ރާއްޖޭގައި މުޒާހަރާ ކުރުމަށް ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު