Close
ޖަމާލުއްދީން ސްކޫލް

ޖަމާލުއްދީން ސްކޫލްގެ ޕްރިންސިޕަލް އަދި އެޑްމިނިސްޓްރޭޓަރު ވެސް ޕޮޒިޓިވް ވެ ސްކޫލު އޮފީސް ބަންދުކޮށްފި

ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލް އާއި އެޑްމިނިސްޓްރޭޓަރު ވެސް ކޮވިޑް 19 އަށް ޕޮޒިޓިވް ވެ ސްކޫލުގެ އޮފީސް ބަންދުކޮށްފި އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ޖަމާލުއްދީންގެ ސްކޫލު އޮފީސް ބަންދުކޮށްފައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ.

ޖަމާލުއްދީން ސްކޫލުގެ އިސް ސަފުގައި މަސައްކަތް ކުރާ ގިނަ ބަޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އެ ގޮތުން އެންމެ ފުރަތަމަ ޕޮޒިޓިވް ވީ އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އެކެވެ. އެއަށްފަހު ލީޑިން ޓީޗަރަކު ޕޮޒިޓިވް ވެފައިވާ އިރު ދެން ޕޮޒިޓިވް ވި ސްކޫލުގެ ޕްރިންސިޕަލް އެވެ. އެންމެ ފަހުން އެޑްމިނިސްޓްރޭޓަރެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެ ސްކޫލުގައި ލީޑިން ޓީޗަރުންގެ ގޮތުގައި 11 ބޭފުޅުން މަސައްކަތް ކުރެއްވި ނަމަވެސް، މިވަގުތު ޑިއުޓީއަށް ނިކުންނަވަނީ ހަތަރު ލީޑިން ޓީޗަރުންނެވެ. އެހެން ލީޑިން ޓީޗަރުން ތިއްބެވީ ކަރަންޓީނުގަ އެވެ.

ޖޭއެސް ގެ ޕްރިންސިޕަލް ހަސަން މުހައްމަދު ވަން އަށް މިއަދު ވިދާޅުވީ ސްކޫލުގެ އޮފީސް ބަންދު ކުރައްވަން ނިންމެވީ ސްކޫލުން އިސް ނަގައިގެން އަމިއްލައަށް ކަމަށާއި އެގޮތަށް ނިންމެވީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އޮފީހުގައި މަސައްކަތް ކުރަނީ ޕްރިންސިޕަލާއި އެޑްމިނިސްޓަރޭޓަރުގެ އިތުރުން، އިދާރީ ހައެއްކަ މުވައްޒަފުން ކަމަށް ވެސް ޕްރިންސިޕަލް ވިދާޅުވި އެވެ.

"މި ވަގުތު އެ ބޭފުޅުން މަސައްކަތްކުރައްވަމުން ގެންދަވާނީ ގެއިން. އޭގެ ތެރެއިން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވާ މުވައްޒަފުންނާއި ޓެސްޓު ހަދާން ޖެހޭ މުވައްޒަފުން ކަނޑައެޅުން ފަދަ ކަންކަން އެޗްޕީއޭގެ ގައިޑްލައިންގެ ދަށުން އެބޭފުޅުން ނިންމަވާ ގޮތެއްގެ މަތީން ކުރިޔަށް ދާނެ." ހަސަން ވިދާޅުވި އެވެ.