ޖަމާލުއްދީން ސްކޫލް (ޖޭއެސް) އިން ކިޔަވައި ވިދާޅުވި، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލް އަހުމަދު ނަސީމަށް ތައުރީފުކޮށް، އެ ސްކޫލުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރުމަށް ފަހު، އެ ޕޯސްޓް ޑިލީޓްކޮށް، ފަހުން މީކާއިލްގެ އަގު ވެއްޓޭ ގޮތަށް އެ ސްކޫލުން ދެއްކި ވާހަކައިން އެނގެނީ ސްކޫލްތަކަށް ސިޔާސީ ނުފޫޒު ވަދެފައިވާ މިންވަރު ކަމަށް އެމްޑީޕީން ބުނެފިއެވެ.
ޖޭއެސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ސްކޫލުން އިއްޔެ ވަނީ އެ ތަނުން ތައުލީމު ހާސިލްކޮށް، ސްކޫލަށް ރީތި ނަން ހޯދައި ދިން މީހުންގެ ޕޯސްޓުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެގޮތުން އިއްޔެ ވަނީ މީކާއީލްގެ ޕޯސްޓެއް ވެސް އެ ސްކޫލުން ޕޯސްޓްކޮށްފައެވެ. ނަމަވެސް އެ ޕޯސްޓް ކުރިތާ ގަޑިއެއްހާއިރު ފަހުން އެ ސްކޫލުން ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމްތަކުން އެ ޕޯސްޓް ވަނީ ފޮހެލައިފައެވެ.
އެކަމާ ގުޅިގެން އެކްސްގައި އިއްޔެ މީކާއީލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖޭއެސްއިން އެ ޕޯސްޓު ޑިލީޓްކުރީ އެޑިއުކޭޝަން މިނިސްޓްރީގެ އަންގައިގެން މަކަށެވެ. އޭނާ ވަނީ ސަރުކާރުން ސިޔާސީ ކަންކަމުގެ ތެރެއަށް ސްކޫލުތައް ވައްދާ ކަމަށް ވިދާޅުވެ، ނުރުހުން ފާޅުކުރައްވައިފަ އެވެ. މީކާއީލް ވަނީ ޖޭއެސް އިން އޭނާގެ ކުރިއެރުން ފާހަގަކޮށް ކުރި ޕޯސްޓު ވެސް ފަހުން އާންމު ކޮށްފައެވެ.
އެ ޕޯސްޓުގައި ވަނީ ރާއްޖޭގެ ތާރީހުގައި ވެސް ރައްޔިތުންގެ މަޖިލީހަށް ހޮވި އެންމެ ޒުވާން މެމްބަރުންގެ ތެރޭގައި މީކާއިލް ހިމެނޭކަން ފާހަގަކޮށްފައެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް އޭނާ ހާސިލް ކުރައްވާފައިވާ ކާމިޔާބީތައް ވެސް ޖޭއެސްގެ ޕޯސްޓުގައި ވެއެވެ. އެކަމަކު، އެ ތުހުމަތުތައް ދޮގުކޮށް ޖޭއެސް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ މީކާއިލްގެ ޕޯސްޓު ފޮހެލީ އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެން ނޫން ކަމަށެވެ.
ޖޭއެސް އިން ބުނީ ސްކޫލަކީ ތައުލީމާއި ތަރުބިއްޔަތު ދޭ މުއައްސަސާއަކަށް ވެފައި މި ސްކޫލަށް ނިސްބަތްވާ ކުރީގެ ދަރިވަރު، މީކާއީލްގެ ފަރާތުން މިއަދުގެ ދަރިވަރުންނަށް ފެންނަން ނުޖެހޭ ފަދަ އަމަލުތަކެއް ފެނުމުން ޕޯސްޓް ފޮހެލީ ކަމަށެވެ.
އެކަމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މީކާއިލްގެ ޕޯސްޓް ޑިލީޓް ކުރުމުން އެކަން ކުށްވެރިކުރާ ކަމަށެވެ. އަދި ބުނީ މީކައީލްގެ ޕްރޮފައިލް ފެނުމުން ދަރިވަރުންނަށް ނުބައި އަސަރު ކުރާނެ ކަމަށް ބުނެ އެ ޕޯސްޓް ޑިލީޓް ކުރުމަކީ ޖޭއެސް އިން ޒިންމާދާރުކަން ކުޑަކޮށް ކުރި ކަމެއް ކަމަށެވެ.
"މެންބަރު މީކާއީލްއަށް އަމާޒުކޮށް މެންބަރުގެ އަގުވައްޓާލުމަށް ދައްކާފައިވާ ވާހަކަތަކުންނާއި އަދި މިކަން ހިނގައި ގޮސްފައިވާ ތަރުތީބަށް ބަލާލުމުން ސްކޫލްތަކުގެ ހިންގުމުގެ ތެރެއަށް ސިޔާސީ ނުފޫޒު ވެދެފައިވާ ނުރައްކާތެރި މިންވަރު ހާމަވެއެވެ. މިފަދަ ކަންކަމަކީ މިޕާޓީން ނުހަންނު ކަންބޮޑުވާ ކަމެއްކަމުގައި މި ފުރުސަތުގައި ފާހަގަކުރަމެވެ،" އެމްޑީޕީން ބުންޏެވެ.
ޑިމޮކްރެޓިކް ވެއްޓެއްގައި ތައުލީމު ފޯރުކޮށްދޭ ތަންތަނުގެ މަސައްކަތަށްވާންވާނީ ތައުލީމު ފޯރުކޮށްދިނުމުގެ އިތުރުން ދަރިވަރުން މުސްތަގުބަލުގައި ކުރިއަށްދާންވީ މަގު ދައްކައިދީ އެކަކު އަނެކަކަށް އިހުތިރާމްކުރާ، ހެޔޮލަފާ ޖީލެއް ބިނާކުރުން ކަމަށެވެ. އަދި މަސައްކަތް ކުރަންވާނީ ދައުލަތުގެ އެންމެހާ އިންތިޒާމުތަކާއި ޑިމޮކްރެޓިކް ވެއްޓަކަށް ދަރިވަރުން އަހުލުވެރިކުރުމަށް ކަމަށް އެމްޑީޕީން ބުންޏެވެ.
"އަދި ޑިމޮކްރަސީގެ އެންމެ މުހިންމު އެއްބަޔަކީ ރައްޔިތުން ތަމްސީލުކުރާ މަންދޫބުން ކަމުގައި ވީހިނދު، އެ މަސައްކަތަކީ ހުތުރު މަސައްކަތެއްގެ ގޮތުގައި ސިފަކުރުމަށް ތައުލީމު ފޯރުކޮށްދޭ މިފަދަ މުއައްސަސާ އަކަށް މަޖުބޫރުކުރުމަކީ ކަންބޮޑުވާ ކަމެކެވެ،" އެމްޑީޕީން ބުންޏެވެ.
މީގެ އިތުރުން އެމްޑީޕީން ބުނީ ގައުމުގެ ވެރިންނާއި ޒިންމާދާރު މަގާމުތަކުގައި ތިބި ފަރާތްތަކުގެ ނޭއްގާނީ އަމަލުތަކުގެ ވާހަކަ ދެއްކުމާއި އެ ފަރާތްތައް ޒިންމާދާރު ކުރުވުމުގެ މަސައްކަތަކީ މުހިންމު ކަމެއްކަން ދަރިވަރުންނަށް އިހުސާސް ކޮށްދޭން ޖެހޭ ކަމަށެވެ.
ޖޭއެސް އިން އަމަލުކުރި ގޮތުގެ ސަބަބުން ދަރިވަރުންގެ ހިތުގައި ދައުލަތުގެ ވެރިން އަދި ދައުލަތް ޒިންމާދާރު ކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކާ މެދު އޮންނަންޖެހޭ ގަދަރާއި އިހުތިރާމް ކުޑަވެގެން ހިނގައިދާނެ ކަމަށް އެމްޑީޕީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު