އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީން، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހުނަރު ދައްކާލުމަށް ހަމަޖެއްސި ކާނިވަލުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސްވީރު ހިމެނޭ ކުރެހުމެއް ވިއްކާލަން ނިންމައިފިއެވެ.

"ރިވެލި" ނަމުގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ އެ ކާނިވަލުގައި ރައީސްގެ ތަސްވީރު ހިމެނޭ ކުރެހުން ފެންނަން ހުރި އިރު، އެއީ ގާޒީ ސްކޫލުގެ ދަރިވަރު އާމިނަތު މިޝާޔާ މުހައްމަދު ކުރަހާފައިވާ ކުރެހުމެކެވެ. އެ ކުރެހުމަށް ބިޑު ފަށާ އަގަކީ 3000 ރުފިޔާއެވެ.

އޭގެ އިތުރުން މިޝާޔާ ވަނީ، ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ރައީސް މުއިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދުގެ ތަސްވީރު ހިމެނޭ ކުރެހުމެއްވެސް އެ ކާނިވަލުގައި ވިއްކަން ބަހައްޓައިފައެވެ. އެ ދެ ކުރެހުންވެސް ވިއްކަން ކަނޑައަޅާފައިވާ ފުރަތަމަ ބިޑުގެ އަގަކީ 3000 ރުފިޔާއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ ކާނިވަލް ހުޅުއްވައިދެއްވީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ޝިހާމްއެވެ. ރިވެލި ކާނިވަލުން ގާޒީ ސްކޫލުގެ އިތުރުން އިމާދުއްދީން ސްކޫލާއި ޖަމާލުއްދީން ސްކޫލު އަދި ހިރިޔާ ސްކޫލުގައި ކިޔަވާ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހުނަރު ދައްކާލާ ކުރެހުންތަކާއި އަތްތެރި މަސައްކަތްތަކުގެ އިތުރުން އެ ކުދިންގެ އިހުސާސްތައް ދައްކުވައިދޭ ފޮތްތައް ވެސް ވަނީ ފެނިގެންދެއެވެ.

މިއަދާއި މާދަމާގެ ހަވީރު 4:00 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00އަށް ކުރިއަށްގެންދާ އެ ކާނިވަލުގައި ހުރި ގިނަ ކުރެހުންތަކަކީވެސް ވިއްކާ ތަކެއްޗެވެ. ކުރެހުންތައް ވިއްކަން ހުރީ ފަސް ރުފިޔާއިން މަތިންނެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން ކުރިއަށްގެންދާ އެ ކާނިވާގެ މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުވެރިކަން ފާހަގަކޮށް، އެ ހުނަރުވެރިކަމާއި މަސައްކަތްތެރިކަން ދައްކާލުމަށް ލިބޭ ފުރުސަތުތައް އިތުރަށް ފުޅާކޮށްދިނުން ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.

"އެފަދަ އިޖުތިމާއީ ހަރަކާތެއްގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމާއި، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތައް އިގުތިސާދީ ގޮތުން ބާރުވެރިކުރެވޭނެ މަގު ތަނަވަސް ކޮށްދިނުމަށާއި، ރާއްޖޭގެ އެކި ކުންފުނިތަކުގައި އެފަދަ ފަރާތްތަކަށް ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދެވިގެންދާނެ،" އެ މިނިސްޓްރީން ބުންޏެވެ.

އެކި ހަރަކާތްތައް ހިންގާ ސްޓޯލުތައް ހިމެނޭ އެ ކާނިވާލުގައި ބައިވެރިވި މޯލްޑިވްސް އިން-ފްލައިޓް ކޭޓަރިން ސާވިސް އިން ބުނީ، ހާއްސަކޮށް މ. އަތޮޅުން ނުކުޅެދުންތެރިކަން ހުންނަ ދޭއް ނުވަތަ ތިން ކުއްޖަކަށް އެ ކުންފުނިން ވަޒީފާގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އޭގެ އިތުރުން މަލަހިނި ކުޑަބަނޑޮސް ރިސޯޓުންވެސް އެ ކުދިންނަށް ވަޒީފާގެ ފުރުސަތު އޮތް ކަމަށް އެ ރިސޯޓުން މައުލޫމާތުދެއެވެ.