މާލެ ސަރަހައްދުން ކޮވިޑް 19އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވުމަކީ ފަތުރުވެރިކަމަށް އޮތް ގޮންޖެހުމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަަ ދައްކަވަމުން މިނިސްޓަރު މައުސޫމް ރޭ ވިދާޅުވީ ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވި ނަމަވެސް ރާއްޖެ އަންނަ ފަތުރުވެރިން ކޮވިޑަށް ޕޮޒިޓިވް ވާ މިންވަރު ވަނީ ދާދި އެއް މިންވަރެއްގައި ހިފެހެއްޓިފައި ކަމަށެވެ. އެގޮތުން ޑިސެންބަރު މަސް ނިމުނުއިރު ފަތުރުވެރިން ޕޮޒިޓިވްވާ މިންވަރު ހުރީ 0.07 އިންސައްތައިގައި ކަމަށާއި މިމަހުގެ މިހާތަނަށް އެ އަދަދު ހުރ 0.22 އިންސައްތައިގައި ކަމަށެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު، އެންމެ ގިނައިން މީހުން ޕޮޒިޓިވްވަނީ މާލޭ ސަރަހައްދުންނާއި ރިސޯޓުތަކުންނެވެ. އެގޮތުން މި ދެތިން ދުވަހު މާލެއިން ޕޮޒިޓިވް ވީ މީހުންގެ އަދަދު އުޅެނީ އެވްރެޖުކޮށް 60 އިން މަތީގައެވެ.
މިނިސްޓަރު މައުސޫމް ވިދާޅުވީ މާލޭގެ ނަންބަރުތައް އިތުރުވުމަކީ މާލޭގެ ގެސްޓްހައުސްތަކަށް ފަތުރުވެރިން ގެނައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ.
"ވަރަށް ފަހުން މާލޭ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ މިދެވުނީ، އަދި ކިރިޔާ ބައެއް ގެސްޓްހައުސްތަކަށް ހިންދެމިލެވުނީ. މާލޭގެ ނަންބަރުތައް މައްޗަށް ދިއުމަކީ ކަންބޮޑުވުމެއް" މިނިސްޓަރު ވިދާޅުވިއެވެ.
މިފަހަކަށް އައިސް ރިސޯޓުތަކުގެ ގިނަ މުވައްޒަފުން ވެސް ކޮވިޑަށް ޕޮޒިޓިވްވަމުންދާއިރު، މިނިސްޓަރު ވިދާޅުވީ ރިސޯޓުތަކާއި ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުން އެޗްޕީއޭ އާއި މިނިސްޓްރީން އެކުލަވާލައިފައިވާ ގައިޑްލައިންތަކަށް އަމަލު ކުރާ ކަމަށާއި އެތަންތަން ގައިޑްލައިންތަކަށް ފަރިތަ ކަމަށެވެ.
"ވަރަށް މަދު ތަނަކުން ގައިޑްލައިނާ އެއްގޮތަށް އަމަލު ނުކުރާކަން ފާހަގަ މިކުރެވެނީ" މިނިސްޓަރު ވިދާޅުވިއެވެ.
ކޮވިޑްގެ ސަބަބުން މިދިޔަ އަހަރުގެ މާޗު މަހު މާލެ ސަރަހައްދުގެ ގެސްޓުހައުސްތައް ބަންދު ކުރުމަށްފަހު އަލުން ހުޅުވާލާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މާލޭ ސަރަހައްދުގެ 44 ގެސްޓްހައުސްއެއް ހުޅުވައި މިހާރު ހިދުމަތް ދެއެވެ. ޓޫރިޒަމް މިނިސްޓްރީން އަމާޒު ހިފާފައި ވަނީ މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް