މެންދަމު 12:00 އިން ފެށިގެން ފަތިހު 4:00 އަށް ބޭރުގައި އުޅުން މަނާކޮށް، މާލެ ސަރަހައްދަށް އަނެއްކާވެސް ކާފިއު އިއުލާންކޮށްފިއެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކު ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރެއްވައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ނެރުނު އެންގުމުގައި ބުނީ މިއަދުން ފެށިގެން އެ އެންގުމަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ.
އެ އެންގުމުގައި ބުނީ މިއަދުން ފެށިގެން މިރޭ 12:00 އިން ފެށިގެން ފަތިހު 4:00 އަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރާ ކަމަށެވެ.
ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާއެކު ބަލި ކޮންޓްރޯލްކުރުމަށް މީގެ ކުރިން ވެސް މާލެ ސަރަހައްދުގައި ވަނީ ކާފިއު ހިންގައިފައެވެ. މީގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން ކާފިއު ހިންގުމަށްފަހު، ކާފިއު އުވާލީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ.
ކާފިއު އިއުލާންކުރުމާއެކު އިތުރު ފިޔަވަޅުތަކެއް އެޅުމަށް ވެސް ވަނީ ނިންމައިފައެވެ. އެގޮތުން މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ވެސް ވަނީ މަނާކޮށްފައެވެ. އޭގެ އިތުރުން މިއަދުން ފެށިގެން މާލެ ސަރަހައްދުން އެހެން ރަށްރަށަށް ދަތުރުކުރާ މީހުންނާއި އަންނަ ހުކުރު ދުވަހުން ފެށިގެން ފަތުރުވެރިން ފިޔަވައި، ރާއްޖޭން ބޭރުން އަންނަ މީހުން ދިހަ ދުވަހުގެ މުއްދަތަށް ކަރަންޓީނު ވާން ޖެހޭ ގޮތަށް ވެސް ވަނީ ނިންމައިފައެވެ.
އެޗްޕީއޭ އިން ފިޔަވަޅުތައް ހަރުކަށިކޮށްފައި މިވަނީ ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރުވެފައި ވަނިކޮށެވެ. އެގޮތުން މި ހަފުތާގައި ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑް ކޭސްތައް އުޅެނީ 100 އިން މަތީގައެވެ. މިދިޔަ އާދީއްތަ ދުވަހު 108 މީހަކު ޕޮޒިޓިވްވި އިރު، އިއްޔެ 109 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި މިއަދު 145 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މި ތިން ދުވަހު ގިނަ ކޭސްތައް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު