އިލެކްޝަންސް ކޮމިޝަން

އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތަށް އިންތިހާބު ބާއްވަން އިތުރު 44.9 މިލިޔަން ހަރަދުވޭ: ފުއާދު

އިބްރާހިމް ޒަކީ

ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބު ބޭއްވުމަށް، ކަނޑައަޅާފައިވާ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިންތިހާބު ބޭއްވުމަށް އިތުރު، 44.9 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ގައުމީ ލަފާ ދޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެކަމާބެހޭ މައުލޫމާތު ދެއްވަމުން ފުއާދު ވިދާޅުވީ އެ ހަރަދަކީ އިންތިހާބު ބޭއްވުމުގައި އަމަލު ކުރާނެ އުސޫލު ކަނޑައަޅައި އެޗްޕިއޭއިން ނެރެފައިވާ ގައިޑްލައިނުގައި ބުނާ ބެކަޕް ފޯސް އުފެއްވުމަށް ކުރަންޖެހޭ ހަރަދު ކަމަށެވެ.

އިންތިހާބުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުން ނުވަތަ ކަރަންޓީނުގައި ހުންނަން ޖެހިއްޖެ ނަމަ އެތަން ފޫބެއްދުމަށް ބެކަޕް ފޯސްއެއް އޮންނަންޖެހޭނެ ކަމަށް އެޗްޕިއޭގެ ގައިޑްލައިނުގައި ވަނީ ކަނޑައަޅައިފައެވެ.

ކޮވިޑް 19 އާ ގުޅިގެން އިންތިހާބު ފަސްކުރުމުގެ ކުރިން އިންތިހާބު ބޭއްވުމަށް 71 މިލިޔަން ރުފިޔާ ބޭނުންވާ ކަމަށް އީސީން ހުށަހެޅުމުން، ފިނޭންސް މިނިސްޓްރީން ދީފައިވަނީ 51 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ.

ފުއާދު ވިދާޅުވީ އެ ބަޖެޓުންވެސް އިންތިހާބު ބޭއްވޭ ވަރުވާނީ އެތައް މަަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.

އޭނާ ވިދާޅުވީ ބެކަޕް ފޯސް ބާއްވަން ޖެހުމުން، މުވައްޒިފުންނަށް ކުރަންޖެހޭ ހަރަދު 6.7 މިލިޔަނަށްވުރެ މައްޗަށް އިތުރުވާ ކަމަށައި، ދަތުރުފަތުރުގެ ހަރަދު ތިން މިލިޔަނަށް އިތުރު ވެފައިވާ ކަމަށެވެ. އަދި އޮފީހަށް ބޭނުންވާ ސާމާނު ގަތުމަށް ދެ މިލިޔަން ރުފިޔާ އިތުރަށް ބޭނުންވާ ކަމަށާއި އޮފީސް ހިންގުމަށް އިތުރު 32 މިލިޔަން ބޭނުންވާ ކަމަށްވެސް ވިދާޅުވިއެވެ

އޭގެ އިތުރުން ތަމްރީނު ދިނުމާއި އިތުރު ފޮށިތައް ބަހައްޓައި ވޯޓުލާ އިތުރު މަރުކަޒުތައް ގާއިމުކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އިތުރު ތަފްސީލުދެއްވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، އިތުރަށް ބޭނުންވާ 44.9 މިލިޔަން ރުފިޔާ އާއެކު ކައުންސިލް އިންތިހާބަށް 95 މިލިޔަން ހަރަދުވެގެންދާނެ ކަމަށެވެ.

އިންތިހާބު ބޭއްވުމަށް އިތުރަށް ބޭނުންވާ 44.9 މިލިޔަން ރުފިޔާ ހޯދުމަށް ފިނޭންސް މިނިސްޓަރާ ބައްދަލުކޮށް މިއަދު ވާހަކަދެއްކެވި ކަމަށާއި، ނަމަވެސް ދެވޭނީ މަޖިލީހުން އިސީއަށް ދޭން ފާސްކުރި ބަޖެޓު ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، އެ ފައިސާ ލިބޭނީ އެކަން މަޖިލީހަށް ހުށަހަޅައިގެން، މަޖިލީހުން އެފައިސާ ދޭން އެންގުމުން ކަމަށައި އެކަމަށް މަަަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.