ރިޕޯޓް

މާލޭ ސިޓީގައި އާދަޔާ ހިލާފަށް ބުޅާ ގިނަވެ އާންމު ސިއްހަތު ނުރައްކަލުގެ ތެރޭގައި

އަހުމަދު ސާއިލް އަލީ

5

މާފަންނު އޭސް ހާޑްވެއާ ކައިރީ ގޯޅިގަނޑެއްގައި ދިރިއުޅޭ ފަސް މީހުންގެ އާއިލާއަކުން އެމީހުން ދިރިއުޅެމުން އައި އެޕާޓްމަންޓް ދޫކޮށް އެހެން ގެއަކަށް ބަދަލުވާން ނިންމީ އެހެން ސަބަބެއް އޮވެގެނެއް ނޫނެވެ. އެ ގެ ހުންނަ ގޯޅީގައި ބުޅާ ގިނަވެ އުޅެން އުނދަގޫވާ ހިސާބަށް ދިއުމުންނެވެ. މުޅި ގޯޅި ނަޖިސް ކޮށްފައި އޮންނާތީ އެ ހިސާބުގައި އުޅެވެން ނެތިގެންނެވެ.

"އެހާ ހަނި ގޯޅިއެއް. އެ ގޯޅި ދެ ފަރާތަށް މި ހުންނަނީ ބުޅާ ސީ ލާފައި. އެހާ ފަކުރު. ބައްޔެއް ވެސް ޖެހިދާނެ ކަމުގެ ބިރު އެބައޮތް. އެހެންވެ މި މަސް ނިންމާފައި މި ގޭ ދޫކޮށްލަން މިއުޅެނީ،" އެ އާއިލާ މެމްބަރަކު "ވަން" އަށް ބުންޏެވެ.

އާދަޔާ ހިލާފަށް މާލޭގައި ބުޅާ ގިނަވެއްޖެ އެވެ. އެއީ ސުވާލެއް އޮތް ކަމެއް ނޫނެވެ. މަގުތަކާއި ޕާކްތަކުތަކާއި ގޯޅިތަކުގައި ވެސް އެތައް ބުޅަލެއް އުޅެ އެވެ. ވަކި މީހަކު ބަލަހައްޓަމުން ނާންނަ އެތައް ބުޅަލެއް އޭގެ ތެރޭގައި ހިމެނޭ އިރު އެ އެއްޗެހި ކައިބޮއެ އުޅެނީ ގޭގެއިން އުކާލަން ނެރޭ ކުނިކޮތަޅުންނެވެ. ކުނި ކޮތަޅުތައް މަގުތަކަށް ނެރުމުން އެ ކޮތަޅުތައް، ފަޅައިގެން އުކާލަން ނެރެފައި ހުންނަ ކުނި ކައިހަދަ އެވެ. އެފަދަ ބުޅާތައް ގިނައިން ނިދައި އުޅެނީ ވެހިކަލްތަކުގެ ދަށުގައްޔާއި ގޭގޭ ފުރާޅު މަތީގައްޔާއި އަސްކަނިތަކުގެ ދަށުގަ އެވެ.

ބުޅާ ގެންގުޅުމަށް ލޯބި ކުރާ އެތައް ބަޔަކު އުޅޭއިރު އެ އެއްޗެހި ދެކެ ބިރު ގަންނަ އެތައް ބަޔަކު ވެސް އުޅެ އެވެ. މާލޭގައި އިންތިހާއަށް ބުޅާ ގިނަ ވުމުން ބުޅާ ދެކެ ބިރު ގަންނަ މީހުންނަށް މަގުތަކަށް ނުކުމެ އުޅެން ޖެހިލުންވާ ހިސާބަށް ކަންތައްތައް މިވަނީ ގޮސްފަ އެވެ.

"އަޅުގަނޑުމެންގެ ދައްތަމެން ގެ ހުންނަ ގޯޅީގައި އުޅޭ ބުޅާތައް ސިޑިން އެ ގެއަށް ވެސް އަރާ. ގޭތެރެއަށް ވެސް ވަދޭ. އެހެންވެ ބިރުން މިހާރު އެ ގެއަކަށް ނުދަން،" އޯކިޑްމަގުގައި ހުންނަ އާއިލާ ގެ ގެއަށް ނުދާ ސަބަބު ބުނެދެމުން ޒުވާން އަންހެން ކުއްޖަކު ބުންޏެވެ.

ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނަށް ބަލައިލިޔަސް އަދި ތަރުކާރީ އާއި މޭވާ ވިއްކާ މާރުކޭޓުތަކަށް ބަލައިލިޔަސް މިހާރު އެންމެ ގިނައިން އުޅޭ އެކައްޗަކަށް ބުޅާ މިވަނީ ވެފަ އެވެ. މަގުތަކާއި އިމާރާތްތަކުގެ ތެރެއަށް ބުޅާތައް ވަނުމުގެ އިތުރުން އެ ތަންތަނަށް އެ އެއްޗެހި ނަޖިސް ލުން އާއްމެވެ. މިއީ ބަލިމަޑުކަމެއް ފެތުރުމުގެ ފުރުސަތު ބޮޑު ކަމެކެވެ.

ހުޅުމާލޭ ބީޗު ސަރަހައްދުގެ ކެފޭތަކުގައި މީހުން ކާން ބޯން ތިބޭ އިރު މޭޒުތައް މައްޗަށް ވެސް އެ ސަރަހައްދުގައި އުޅޭ ބުޅާތައް އަރަ އެވެ. ބައެއް ފަހަރު ނުވިސްނައި ތިއްބައި ކާ ތަށިތަކަށް ދޫވެސް ކޮއްޕައެވެ.

ބުޅަލުން އެތައް ބައްޔެއް ފަތުރާ

ޑރ. އަބުދުލް އަޒީޒު ހަމީދު ލިޔުއްވާފައިވާގޮތުން ބުޅަލުގެ ނަޖިހަކީ ގައިންގަޔަށްއަރާ ވަރަށް ގިނަ ބަލިތަކުގެ މަސްދަރަކަށްވުމަކީ އެކަށީގެންވާ ކަމެކެވެ. ޑރ. އަޒީޒު ވިދާޅުވާގޮތުން ބުޅަލުގެ ސަބަބުން ބަލި ފެތުރެނީ ބުޅާ ދަތް އެޅުމުން ނޫނީ ވަކިއެޅުމުން ނުވަތަ ބުޅަލުގައި އަތްލުމުން ނުވަތަ ބުޅަލުގެ ނަޖިހުގައި އަތްލެވުމުން ނުވަތަ ބުޅަލުގެ ނަޖިސް ކެވުމުން ނޫނީ ބޮވުމުންނެވެ.

"ދަތްއަޅައިގެންނާއި ވަކި އެޅުމުން އިންސާނާގެ ހަށިގަނޑަށް ބަލި ވާސިލުވާ ގޮތަކީ ބުޅަލުގެ އަނގައިގެ ތެރޭގައި ހުރި ޖަރާސީމު ދަތް އެޅުން ނޫނީ ވަކިއެޅުމުގެ ތެރޭގައި އިންސާނާގެ ހަމުގެ ތެރެއަށް ވާސިލު ވުމެވެ. ދަތް އަޅާއިރަށް ވަގުތުން ދަތް އެޅި ހިސާބު ސައިބޯނިލައިގެން ހޫނު ފެނުން ދޮވެލެވިއްޖެނަމަ ބައްޔެއްގެ ޖަރާސީމު ހަށިގަނޑަށް ވާސިލު ވުމުގެ ފުރުސަތު ކުޑަކުރެވޭނެ އެވެ. ދަތްއެޅި ހިސާބު ރަތްވެ، ދުޅަވެއްޖެނަމަ ޑޮކްޓަރަށް ދެއްކުން މުހިއްމެވެ." އަޒީޒު ބްލޮގުގައި ލިޔުއްވާފައިވެ އެވެ.

ޑރ. އަޒީޒު ވިދާޅުވާގޮތުން ބުޅަލުގެ ޒަރީއާއިން ފެތުރިދާނެ ބަލިތައް

• ޓޮކްސޯޕްލާޒްމޯސިސް: ޓޮކްސޯޕްލާޒްމޯސިސް އަކީ ބުޅާ ފަދަ ޖަނަވާރުގެ ހަށިގަނޑުގައި އުޅޭ ޖަރާސީމަކުން (ޕެރަސައިޓް) ޖެހޭ ބައްޔެކެވެ. ޓޮކްސޯޕްލާޒްމޯސިސް ޖެހެނީ ބަލި ޖައްސާ ޖަރާސީމް ނުވަތަ ފަނީގެ ބިސް ހަށިގަނޑަށް ވަނުމުންނެވެ. މިއީ ބުޅަލުގެ ނަޖިހުގައި ހުންނަ ޖަރާސީމަކަށްވާތީ، މިޖަރާސީމް ބުޅަލުގެ ނަޖިހުގެ ޒަރީއާއިން އިންސާނުންނަށާއި އެހެނިހެން ޖަނަވާރުންނަށް ވާސިލުވާ ގޮތް މެދުވެރިވެއެވެ.

• ކެޓް ސްކްރެޗް ޑިޒީ: ކެޓް ސްކްރެޗް ޑިޒީޒް އަކީ ބުޅަ ދަތްއަޅާ ނޫނީ ވަކިއަޅާ ތަނުގައި އުފެދޭ ބައްޔެކެވެ. މިއީ ބުޅަލުގެ ނަޖިހުގައި ހުންނަ ޖަރާސީމަކުން ޖެހޭ ބައްޔެކެވެ. މިބަލި ޖެހެނީ “ބާރޓޮނެލާ ހެންސިލޭ”ކިޔާ ބެކްޓީރިޔާއެއްގެ ސަބަބުންނެވެ. މިހެންވެ މިބައްޔަށް “ބާރޓޮނެލޯސިސް" ކިޔައި އުޅެއެވެ. މިބަލި ޖެހުމުން ބުޅާ ދަތް އަޅާ ތަނުގައި ރަތްކުލައިގެ ފޮޅެއް ކަހަލަ އެއްޗެއް ނަގާނެއެވެ. އޭގެ އިތުރުން ހުން އައުން، ބޮލުގައި ރިހުން، އަދި ގޮށްލުން ފަދަ އަލާމާތްތައް ފެނިދާނެ އެވެ.

• ސަލްމަނެލޯސިސް: މިއީ ބުޅަލުގެ ސަބަބުން ފެތުރިދާނެ، ބެކްޓީރިޔާއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. ބުޅަލާއި، މީދަލާއި، ހިކަނދި ފަދަ ދިރޭ ތަކެތީގެ ހަށިގަނޑުގައި ސެލްމަނެލޯސިސް ޖައްސާ ޖަރާސީމު ހުރެއެވެ. މިބަލި ޖެހެނީ ބުޅަލާއި، ހިނކައްޖާއި، މީދާ ފަދަ ޖަނަވާރުގެ ބޮޑުކަމުނަޖިހާއި، ތަޣައްޔަރުވެފައިވާ ކާބޯތަކެތި ބޭނުންކުރުމުންނެވެ. އެހެންކަމުން ސެލްމަނެލޯސިސް ގިނައިން ފެތުރެނީ ޖަރާސީމާއި ތަޣައްޔަރުވެފައި ހުންނަ ކާބޯތަކެތި ކެއުމުންނެވެ. އެގޮތުން ބުޅަލުގެ ނަޖިހުގައި ހުންނަ ޖަރާސީމު ކާބޯތަކެއްޗާއި ތަޣައްޔަރުވެގެން ވެސް ސެލްމަނެލޯސިސް ޖެހިދާނެ އެވެ.

• ކެމްޕައިލަބެކްޓީރިއޯސިސް: ކެމްޕައިލަބެކްޓީރިއޯސިސް އަކީ (ކާނާވިހަވުމުގެ) ބޭރަށްހިންގުމުގެ ވައްތަރެކެވެ. ބަލިޖެހިފައިވާ ޖަނަވާރު(ބުޅާ، ކުއްތާ)ގެ ބޮޑުކަމުނަޖިހުގައި ބީހި، އަތްލައި ހެދުމަކީ ކެމްޕައިލަބެކްޓީރިއޯސިސް ބަލިޖެހިދާނެ ކަމެކެވެ. ބަލިޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ބޭރަށްހިންގުން، މޭނުބައިކުރުން، ހޮޑުލުން، ބަނޑުގައި ރިހުން، އަދި ހުންއައުން ފަދަ ކަންތައްތައް ހިމެނެއެވެ.

• ގިއާރޑިއޭސިސް އަދި ކްރިޕްޓޯސްޕޮރީޑިއޭސިސް: ގިއާރޑިއާ، އަދި ކްރިޕްޓޯސްޕޮރީޑިއަމް ޖަރާސީމު ބުޅަލުގެ ހަށިގަނޑުގައި ހުންނާތީ، ބުޅަލުގައި އަތްލައި ހެދުމަކީ މިދެބަލި ވެސް ޖެހިދާނެ ކަމެކެވެ. އާންމު ގޮތެއްގައި މިބަލި ޖެހެނީ ވެސް ބުޅާ ފަދަ ޖަރާސީމު އުފުލާ ޖަނަވާރުތަކުގައި އެއްވެސް ކަހަލަ ހުރަހެއްނެތި ބީހި އަތްލައި ހެދުމުންނެވެ. ބޭރަށްހިންގުމާއި، ބަނޑުގައި ރިއްސުމަކީ އެންމެ އާންމުކޮށް މިބަލިތަކުގައި ފެންނާނެ އަލާމާތްތަކެވެ.

• ޓޮކްސޯކޭރިއޭސިސް : ޓޮކްސޯކޭރިއޭސިސް އަކީ ބުޅަލުގެ ހަށިގަނޑުގައި އުޅޭ “ޓޮކްސޯކޭރާ ކޭޓައި” ކިޔާ ދިގުފަނީގެ ވައްތަރަކުން ޖެހޭ ބައްޔެކެވެ. މިއީ އިންސާނުންނަށް ވަރަށް އާންމުކޮށް ޖެހޭ ބައްޔެކެވެ. ބުޅަލުގެ ނަޖިހާއި، ތަޣައްޔަރުވެފައިވާ ފެންބުއިން، ނުވަތަ ކާބޯތަކެތި ބޭނުންކުރުމުން މިބަލިޖެހިދާނެ އެވެ. ނޫނީ މިބަލި ޖައްސާ ޖަރާސީމާއި ތަޣައްޔަރުވެފައިވާ އަތް (މިސާލަކަށް ވެއްޔަށް އަތްލައިހެދުމަށްފަހު) ނުދޮވެ، އަނގަޔަށް ލައިފިނަމަ ވެސް މިބަލިޖެހިދާނެއެވެ. ބަލީގެ ސަބަބުން ފެނިދާނެ އަލާމާތްތައް އެކިމީހުންނަށް ތަފާތުވެދާނެ އެވެ. އާންމުކޮށް ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ކެއްސުން، ގައިންބިހިނެގުން ފަދަ ކަންތައްތައް ހިމެނެއެވެ. ނިއުމޯނިޔާ ޖެހުން، ފުރަމޭ ބޮޑުވެ ދުޅަވުން ފަދަ ނުރައްކާތައް ދިމާވުމަކީ ވެސް ވެދާނެ ގޮތެކެވެ.

• ދަދު: ދަދަކީ ފަންގަސް ގެ ސަބަބުން ޖެހޭ ހަމުގެ ބައްޔެކެވެ. ހަމުގައި ނަގާ ދަދު އާންމުކޮށް ހުންނަނީ ވަށްބުރުގެ ބައްޓަމަށެވެ. ބުޅާ ފަދަ ޖަނަވާރުގެ ގައިގައި އަތްލައިހެދުމުން އެފަދަ ޖަނަވާރުގެ ގައިން، އިންސާނުންގެ ގަޔަށް ދަދު ވާސިލުވުމަކީ ވެދާނެގޮތެކެވެ.

ބުޅާ މިހާ ގިނަވެފައިވާއިރު އެއިން ރައްކާތެރިވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ. ބުޅަލުގެ އަސަރު ކޮށްފައިވާ އެއްޗެއް ނުވަތަ ތަނެއްގައި އަތްލެވިފައިވާނަމަ ސައިބޯނި ލައިގެން އަތް ދޮވުން މުހިންމެވެ.

ބުޅާ މިހާ ގިނަވެ އޭގެ ސަބަބުން ބަލިތަކެއް ފެތުރިދާނެ ކަމުގެ ބިރު ހީވެފައިވާއިރު އެކަމަށް އެންމެ މުހިންމު ފިޔަވަޅެއްގެ ގޮތުން ބުޅާ މަދު ކުރުމުގެ ޕްރޮގްރާމް ހިންގުން ވަރަށް މުހިންމެވެ. މާލޭ ސިޓީ ކައުންސިލުން މި ހަފްތާގެ ކުރީކޮޅުގައި ވަނީ މާލެއަށް ކުރިމަތިވެފައިވާ ބުޅަލުގެ މައްސަލަތަކަށް ހައްލު ހޯދުމަށް މަޝްވަރާ ކޮށްފަ އެވެ. އެ ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެ އެވެ.

ބުޅާ ގެންގުޅުމަށް ގިނަ ބަޔަކު ލޯބި ކުރާއިރު ދޭން ޖެހޭ ޓްރީޓްމަންޓްތައް ރަނގަޅަށް ދީގެން ގޭގައި ބުޅާ ގެންގުޅުމަކީ ހަމަ ރަނގަޅު ކަމެކެވެ. ނަމަވެސް އެއްވެސް ބެލެހެއްޓުމެއްނެތި މަގުތަކުގައި މިހާ ބުޅާ ގިނަ ވުމަކީ އޭގެ ސަބަބުން ނުރައްކާތެރި ކަމެއް ކުރިމަތިވެދާނެ ކަމެކެވެ. އެހެންކަމުން އެކަމާ މެދު އަވަހަށް ފިޔަވަޅު އަޅަން ޖެހެ އެވެ.