މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު މައްސަލައިގައި ހައިކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަކީ އަރިކައްޓަށް ތަދުވާތީ، މެޔަށް ތަދުވާތީ ރައްޔިތުން ދޫކޮށްދާނެ ބޭފުޅެއް ނޫންކަން އެމަނިކުފާނު ދައްކުވައިދީފައިވާ ކަމަށް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ކުރިމިނަލް ކޯޓުން ރައީސް ޔާމީނަށް ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކްރިމިނަލް ކޯޓުން ނެރުނު ހުކުމަށް ހައިކޯޓުން ވެސް ވަނީ ތާއީދުކޮށްފައެވެ. މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން އެ ހުކުމްކޮށްފައިވަނީ އެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ.
ރޭ ބޭއްވި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ އިހުތިޖާޖުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ޝަރީއަތުން ރައީސް ޔާމީނުގެ ސާބިތުކަން އެމަނިކުފާނު ދައްކުވައިދެއްވި ކަމަށެވެ.
"އެމަނިކުފާނަކީ މައުސޫމް ބޭފުޅެއްކަން އެމަނިކުފާނު ދައްކުވައިދެއްވި. އެމަނިކުފާނަކީ އަރިކައްޓަށް ތަދުވާތީ، މެޔަށް ތަދުވާތީ ދިވެހި ރައްޔިތުން ދޫކޮށް، ގައުމު ދޫކޮށް ވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަން މިއަދު ވެސް އެ ސާބިތުކޮށްދެއްވަނީ. ސަރުކާރާއެކު އަޅުގަނޑުމެން އަދި ރައީސް ޔާމީން ހަދާނެ އެއްވެސް ޑީލެއް ނޯންނާނެ،" އޭނާ ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ އިސްތަށިފުޅުގައި ދޮގު ތުހުމަތުތަކެއް އަޅުވައި، އެމަނިކުފާނު ފުލުހަށް ހާޒިރުކޮށްގެން ކުރި ތަހުގީގަކާއި އެމަނިކުފާނުގެ މައްޗަށް އުފުލުނު ދައުވާއަކާ އެއްވެސް ގުޅުމެއް ނެތްކަން ހައިކޯޓުގެ ހުކުމުން އެނގިގެންދިޔަ ކަމަށާއި ރައީސް ޔާމީން ޖަލަށްލުމަށްޓަކައި މި ސަރުކާރުން ނުކުރާ އެއްވެސް ކަމެއް ނެތް ކަމަށެވެ.
"އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރުކޮށްގެން ކުރެވުނު ތަހުގީގަކާއި އެމަނިކުފާނުގެ މައްޗަށް އުފުލުނު ދައުވާއަކާއި އެމަނިކުފާނުގެ މައްޗަށް ކުރެވުނު ޝަރީއަތަކާއި އެމަނިކުފާނުގެ މައްޗަށް އިއްވުނު ހުކުމަކާއި، މީގެން އެއްވެސް އެއްޗެއް އެކަތި އަނެކެއްޗަކާ އެއްވެސް ވަރަކަށް ގުޅުމެއް ނެތްކަން އަޅުގަނޑުމެންނަށް އެނގުނީ އިހަކަށް ދުވަހު ހައިކޯޓުން ކުރި ހުކުމުން،" އޭނާ ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ މިއަދު މި ސަރުކާރުން ފެންނަނީ ގައުމު ވިއްކާލަމުންދާ ތަން ކަމަށާއި މިއަދު ފެންނަނީ ރާއްޖޭގެ މިނިވަންކަން ފައިދަށުން ދާ ތަން ކަމަށެވެ. އަދި މި ސަރުކާރުން އަވަށްޓެރި އިންޑިއާއާ އެކީގައި ހަދާ އަނދިރި އެއްބަސްވުންތަކުގެ ޑީލުގެ ބައިވެރިޔަކަށް ވާން ބޭނުންނުވާ ކަމަށް ވެސް ވިދާޅުވިއެވެ.
މަނީ ލޯންޑަރިން ކުރި ކަމަށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 29، 2019 ގައެވެ.
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން މި ހުކުމް އިއްވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ، އެސްއޯއެފްގެ އެކައުންޓަކަށް ޖަމާވުމުން، އެ ކުންފުނިން ޔާމީންގެ އެކައުންޓަކަށް އެ ފައިސާ ޖަމާކުރި މައްސަލައިގައެވެ.
އޭގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު ހެދި އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބެހެއްޓުމަށް އެއްބަސްވެ ވަޑައިގަތުމަށްފަހު، އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް، އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކުގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް ފައިސާގެ އަސްލު އޮޅުވާއި އެ ފައިސާއިން ފައިދާ ހޯދަމުން އަންނަ ކަން ވެސް ވަނީ ސާބިތުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު