ދަރުމަވަންތަ ސްކޫލްގެ މެތަމެޓިކްސް ޓީޗަރުގެ މަގާމުން ވަކިކުރި އިންޑިއާ ޓީޗަރަކަށް 80،000 އަށްވުރެ ގިނަ ރުފިޔާ ދޭން ދިވެހި ސިވިލްސާވިސް ކޮމިޝަންގެ މައްޗަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފިއެވެ.
މި މައްސަލައަކީ ދަރުމަވަންތަ ސްކޫލްގެ މެތަމެޓިކްސް ޓީޗަރުގެ މަގާމުން، ދިވެހި ސިވިލްސާވިސް ގާނޫނާއި ވަޒީފާއާބެހޭ ގާނޫނާއި ދިވެހި ސިވިލް ސާވިސް ގަވާއިދު އަދި އެ ފަރާތާދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފަށް، ވަކިކޮށްފައިވާ ކަމަށްބުނެ އިންޑިއާ ޓީޗަރެއް ކަަމަށްވާ ރަޖީވް ޕަރަކޫލަންގަރަ 28 އޮކްޓޫބަރު 2025 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގައި އޭނާގެ ފަރާތުން ޓްރައިބިއުނަލްގައި އެދިފައި ވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ގާނޫނާއި އަދި ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށާއި، ވަޒީފާ އިއާދަކޮށްދީ ވަޒީފާ އިއާދަ ކުރެވޭ ދުވަހާ ހަމައަށް ލިބޭން ޖެހޭ މުސާރަ އާއި އިނާޔަތްތައް އެކީ އެއްފަހަރާ ދެއްކުމަށް ސިވިލްސާވިސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށްވެސް އެދިފައިވެއެވެ.
މީގެ އިތުރުން އެޖެންސީ ފީގެ ގޮތުގައި ދައްކާފައިވާ 250،000 އިންޑިއަން ރުޕީސް ދެއްކުމަށް ސިވިލްސާވިސް ކޮމިޝަނަށް އަމުރުކޮށްދިނުމަށްވެސް އެދިފައިވެއެވެ.
މި މައްސަލައަށް ޖަވާބުދާރީވަމުން ސިވިލްސާވިސް ކޮމިޝަނުން ބުނެފައި ވަނީ، މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާގޮތަށް ކަނޑައެޅޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައަޅައިދޭން އެދޭ ކަމަށެވެ. އަދި އެފަރާތުން އެދިފައިވާ އަމުރުތައް ނެރެދޭން ޖެހޭ ތަނެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށްވެސް އެދިފައިވެއެވެ.
މި މައްްސަލައިގެ ނިންމުމުގައި ޓްރައިބިއުނަލުން ބުނެފައިވަނީ، މީހަކު ގާނޫނާ ހިލާފަށް ވަޒީފާއިން ވަކި ކުރުމުގެ ސަަބަބުން ނަގައިދެވޭ ބަދަލަކީ ވަކި ކުރުމުގެ ސަބަބުން މުވައްޒަފަށް ލިބުނު ގެއްލުން ފޫބެއްދުމަށް ނަގައިދެވޭ ބަދަލެއް ކަމުން، ބަދަލުގެ ގޮތުގައި ނަގައިދެވޭނީ ވަޒީފާއިން ވަކިކުރުމާއި ސަބަބާ ގުޅުމެއް އޮތް ގެއްލުމަކަށް ކަމަށެވެ.
އެގޮތުން އެ ފަރާތުން ނަގައިދިނުމަަށް އެދިފައިވާ އެޖެންސީ ފީ ދައްކާފައި ވަނީ ވަޒީފާ ލިބިގަތުމަށްޓަކައި ދެ ފަރާތުގެ ދެމެދުގައި ވަޒީފާގެ ގުުޅުން ފެށުމުގެ ކުރިން ކަމަށްވާއިރު، އެއީ ވަޒީފާއިން ވަކިކުރުމުގެ ނަތީޖާއެއްގެ ގޮތުން އުފުލަން ޖެހުނު ހަރަދެއް ނޫންކަމަށްވެސް ބުނެފައިވެއެވެ. އެޖެންސީ ފީ ދައްކާފައި ވަނީ ސިވިލްސާވިސް ކޮމިޝަނުންކަން އެނގެން ނެތްއިރު އެހެން ފަރާތަކަށް ދައްކާފައިވާ ފައިސާއެއް އަނބުރާ ދިނުމަށް ސިވިލްސާވިސް ކޮމިޝަންގެ މައްޗަށް އަމުރު ކުރެވިދާނެ ހަމައެއް އޮތް ކަމަށް ނުދެކޭ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން އެޖެންސީ ފީގެ ގޮތުގައި މައްސަލަ ހުށަހެޅި ފަރާތުން ނަގައިދިނުމަށް އެދިފައިވާ 250،000 ރުފިޔާ ނަގައިދެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ވަނީ ކަނޑައަޅައިފައެވެ.
ނަމަވެސް މި މައްސަލައިގައި ޓްރައިބިއުނަލުން ނިންމާފައި ވަނީ، އޭނާ ވަޒީފާއިން ވަކިކުރީ ގާނޫނުގައި ބުނާ ފަދަ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސިވިލްސާވިސް ކޮމިޝަނަށް ސާބިތުކޮށްދެވިފައި ނުވާކަމަށެވެ.
އެހެން ކަމުން އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ މުވައްޒަފަކު ވަޒިފާއިން ވަކިކުރުމުގައި ގާއިމު ކުރާން ޖެހޭ މައުލޫއީ އަދުުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމްނުކޮށް ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ކަމަށް ވަނީ ކަނޑައަޅައިފައެވެ. ނަމަވެސް އަލުން ވަޒީފާ ލިބިދިނުމަށް އޭނާ އެދިފައިވީނަމަވެސް، އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ އެދިފައިވާ ގޮތަށް އޭނާ އަދާކުރަމުންދިޔަ ވަޒިފާއަށް އަނބުރާ ރުޖޫއަ ކުރަން އަމުރު ކުރެވިދާނެ ހަމައެއް ނެތް ކަމަށްވެސް ވަނީ ކަޑައަޅައިފައެވެ.
އޭނާ ވަޒިފާއިން ވަކިކުރުމުގައި ގާއިމް ކުރަން ޖެހޭ މައުލޫއީ އަދުުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމްކޮށްފައި ނުވާ ސަބަބަށްޓަކައި އޭނާގެ އަސާސީ މުސާރަ އާއި އިނާޔަތްތަކާއެކު ޖުމްލަ ލިބެމުންދިޔަ 16،350 ރުފިޔާގެ ނިސްބަތުން، އޭނާ ވަޒީފާއިން ވަކިކުރި ތާރީހު ކަމަށްވާ 24 ޖުލައި 2025 އިން ފެށިގެން އޭނާގެ ވަޒީފާގެ މުއްދަތު ހަމަވާ ތާރީހު ކަމަށްވާ 25 ޑިސެމްބަރު 2025 ގެ ނިޔަލަށްވާ 83،385 ރުފިޔާ، ގެއްލުމުގެ ބަދަލުގެ ގޮތުގައި އޭނާއަށް ދިނުމަށް ޓްރައިބިއުނަލުން ވަނީ ކަނޑައަޅައިފައެވެ. އަދި އެ ފައިސާ 30 ދުވަހުގެ ތެރޭގައި ރާޖީވް ޕަރަކޫލަންގަރައަށް އެއްފަހަރާ ދިނުމަށްފަހު އެކަން ހަމަޖެހޭތާ ތިން ދުވަސްތެރޭގައި ވަޒީފާާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެކަން އެންގުމަށް ސިވިލްސާވިސް ކޮމިޝަނުގެ މައްޗަށް ޓްރައިބިއުނަލުން ވަނީ އަމުރުކޮށްފައެވެ.
އިބްރާހިމް ޒަކީ
އުރީދޫ މޯލްޑިވްސް
އެއާލައިން އިންޑަސްޓްރީ
ބަނދަރު ހެދުން
ކޮމެންޓް