އިދިކޮޅުގެ މުޒާހަރާގެ ތެރެއިން އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އިތުރު ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މިއަދު މެންދުރު 12:45 އެހާކަންހާއިރު ފެށި މުޒާހަރާގައި އިދިކޮޅުގެ މެންބަރުން ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މައި އިދާރާ އާއި އިންތިހާބާ ބެހޭ މަރުކަޒު ހިމެނޭ މަރުކަޒު ކައިރިއަށް އެއްވެ، އިންތިހާބު އަވަސް ކުރުމަށާއި އިދިކޮޅު މައި ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައިފަ އެވެ.
މި މުޒާހަރާގެ ތެރެއިން އަދުރޭ ހައްޔަރުކުރީ މުޒާހަރާ ނިންމާލުމަށް މުޒާހަރާގެ ބައިވެރިންނާއެކު ޕީޕީއެމް އޮފީސް ކުރިމައްޗަށް ދިޔަ މަގުމަތީގައި، ރާޅުގަނޑު ސަރަހައްދުންނެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ، މިއަދުގެ މުޒާހަރާގައި އަދުރޭގެ އިތުރުން ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ސުޖާއު އާއި ކައުންސިލްގެ މެންބަރުން އަދި ޕާޓީ ސަޕޯޓަރުންގެ ތެރެއިން 24 މެންބަރަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އަދި އެބޭފުޅުން ވަގުތުން މިނިވަންކުރުމަށް ރަޢީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް އިދިކޮޅުން ވަނީ ގޮވާލައިފަ އެވެ.
އިދިކޮޅުން މިއަދު މުޒާހަރާއަށް ނުކުމެފައި މިވަނީ، ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމާއި، ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކުރުމަށް ކުރި ހުކުމް ދެމެހެއްޓުމަށް މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ނިންމި ނިންމުމަކީ ޝަރުއީ ހަމަތަކާ ހިލާފު ނިންމުމެއް ކަމަށްބުނެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން "ސީދާ ހަރަކާތަށް" ދާން ނިންމުމަށްފަހު އެވެ.
ޚަބަރު
ޚަބަރު
ޚަބަރު