ކޮވިޑް-19 އާއި ގުޅިގެން ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބާއްވާނެ ދުވަހެއް މާދަމާ އިއުލާން ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވުމަށް އެންމެ ފުރަތަމަ ނިންމާފައިވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ނަމަވެސް ކޮވިޑު ބަލި ރާއްޖެއިން ފެނި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު އިންތިހާބު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.

ކޮވިޑުގެ ހާލަތުގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް ލޯކަލް އިންތިހާބު މިއަހަރަށް އޮތީ ފަސްކޮށްފަ އެވެ. އެ ބިލު ތަސްދީގު ކުރައްވާތާ އަހަރެއްގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެއެވެ. އެއީ މިއަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހެވެ.

ނަމަވެސް އެ ގާނޫނުގައި ބުނެފައިވާ ގޮތުން، އިންތިހާބު ބާއްވާނެ ތާރީހެއް އިއުލާން ކުރެވޭނީ މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާތާ ހަތް ދުވަސް ތެރޭގައެވެ. އެހެންކަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދައާ ނުލައި އިންތިހާބު ބޭއްވުމުގެ އެއްވެސް ބާރެއް އީސީއަށް ލިބިގެނެއް ނުވެއެވެ.

އިންތިހާބު ބާއްވަން ހުރަސްތަކާ ކުރިމަތިވެ، އިންތިހާބު ބޭއްވުން ލަސްވަމުންދާތީ، ކައުންސިލް އިންތިހާބުތަކުގެ ހާއްސަ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ގެނައުމަށް ހުށަހެޅި ބިލު ދާދިފަހުން ވަނީ ފާސްކޮށްފައެވެ.

އެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވީ މިމަހުގެ 21 ވަނަ ދުވަހު އެވެ. މި ބިލު ތަސްދީގު ކުރެއްވުމާއެކު، ހަތް ދުވަހުގެ ތެރޭގައި އަލުން އިންތިހާބު ބޭއްވުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފަށަން ޖެހޭނެ އެވެ. އަދި މެއި 10ގެ ކުރިން އިިންތިހާބު ބޭއްވުމަށް ހުރަސް އެޅޭފަދަ އެއްވެސް ހާލަތެއް މެދުވެރިވެއްޖެނަމަ 30 ދުވަހުގެ ކުރިން ސަބަބު ބަޔާންކޮށް އީސީން އެކަން މަޖިލީހަށް އަންގަންވާނެ އެވެ.

މީގެ އިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭނެއެވެ. ނަމަވެސް އިންތިހާބު ބޭއްވޭނީ އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްްގޮތްވާގޮތުގެ މަތިންނެވެ. އަދި އެ އުސޫލުތައް އެކުލަވާލުމުގައި މިނިވަންކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިންތިހާބު ބޭއްވޭނެކަން ކަށަވަރު ކުރަންވާނެއެވެ.

އިންތިހާބުގެ ކަންކަން އަލުން ފަށަންވާނީ، އެކަންކަން ފެށުމަށް ދުރާލައި ތާރީހެއް ކަނޑައެޅުމާއެކު ކަމަށާއި އެ ތާރީހު ކަނޑައަޅަންވާނީ އެ ތާރީހު ކަނޑައެޅުމާއި އިންތިހާބުގެ ކަންކަން ފެށުމާ ދެމެދު މަދުވެގެން ތިންދުވަހުގެ ނޯޓިހެއް ލިބޭނެ ގޮތަށް ކަމަށްވެސް ބުނެފައިވެ އެވެ.

އިލެކްޝަން ކޮމިޝަން ރައީސް އަހުމަދު ޝަރީފް މިއަދު "ވަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކައުންސިލް އިންތިހާބު ބާއްވާނެ ތާރީހެއް މާދަމާ އިއުލާން ކުރައްވާނެ ކަމަށެވެ. އަދި މިއަދު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިހާބު ބާއްވާނެ ބަޖެޓެއް އިލެކްޝަންސް ކޮމިޝަނުގައި ނެތް ކަމަށާއި ބަޖެޓާ ގުޅެ ގޮތުންވެސް ކަމާ ގުޅުންހުރި އިދާރާތަކާ އެކު މިއަދު މަޝްވަރާ ކުރައްވާނެ ކަމަށެވެ.

"އެޗްޕީއޭގެ ގައިޑްލައިންގަ އެބަ ބުނޭ ރިޒާވް އޮފިޝަލުން ބައިތިއްބަން ޖެހޭނެ ކަމަށް. އެއީ އޮފިޝަލަކު ޕޮޒިޓިވް ވެއްޖެ ނަމަ އެ އޮފިޝަލެއްގަ މަސްއޫލިއްޔަތުތައް އަދާކުރާނެ މީހަކު ހުންނަން އެބަ ޖެހޭ. އެކަމަށް މިވަގުތު އަޅުގަނޑުމެންގެ ބަޖެޓެއް ނެތް. އެހެންވީމަ އެކަންކަމާވެސް މިއަދު އަޅުގަނޑުމެން މަޝްވަރާކުރާނަން." އޭނާ ވިދާޅުވި އެވެ.

މީގެ އިތުރަށް ޝަރީފް ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް އިންތިހާބު ބޭއްވޭ ގޮތަށް ގާނޫނަށް ގެނައި ބަދަލުތަކާއިކު އިންތިހާބު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ވަމުން އަންނަ ކަމަށެވެ.