ރާއްޖޭގައި އުރީދޫ ފިންޓެކުގެ އެމްފައިސާ ވޮލެޓާ ގުޅާލާފައިވާ ޕޭޕަލް ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު 5،000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް އުރީދޫން ބުނެފިއެވެ.

އުރީދޫން މިއަދު ބުނީ މިއީ ރާއްޖޭގައި ބައިނަލްއަގުވާމީ ޑިޖިޓަލް ޕޭމަންޓް ހިދުމަތްތައް ހޯދުމުގެ ފުރުސަތު ފުޅާކުރުމަށް ކުރެވޭ މަސައްކަތުގައި ހާސިލުކުރެވުނު މުހިންމު ކުރިއެރުމެެއް ކަމަށެވެ.

މި އަހަރުގެ ޖޫން މަހުގެ ތެރޭގައި މި ހިދުމަތް ތައާރަފުކުރުމާއެކު، ދިވެހި ކަސްޓަމަރުންނަށް އެމީހުންގެ ޕޭޕަލް އެކައުންޓްތައް އެމްފައިސާއާ ގުޅާލުމުގެ މަގު ވަނީ ތަނަވަސްވެފައެވެ. ޕޭޕަލްގައި ހުންނަ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ފަސޭހަކަމާއެކު ޖަމާކުރެވޭއިރު، ނަގާފައިވާ ފައިސާ އަނބުރާ ގުޅާލާފައިވާ ޕޭޕަލް އެކައުންޓްތަކަށް ޓްރާންސްފާ ކުރުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ ހިދުމަތް ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 5،000 އަށްވުރެ ގިނަ މީހުން މި ހިދުމަތް ހޯދުމަކީ ފަސޭހަ ބައިނަލްއަގުވާމީ ޕޭމަންޓް ސޮލިއުޝަންތަކަށް އޮތް ބޮޑު ތަރުހީބު ދައްކުވައިދޭ ކަމެއް ކަމަށެވެ.

އުރީދޫން ބުނީ މި ހިދުމަތަށް އެންމެ ބޮޑު ޑިމާންޑެއް އޮތީ ރާއްޖޭގެ ފްރީލާންސަރުންނާއި ވިޔަފާރިވެރިންނާއި ކޮންޓެންޓް ކްރިއޭޓަރުންގެ އިތުރުން ރާއްޖެއިން ބޭރުން ފައިސާ ލިބޭ ފަރާތްތަކުން ކަމަށެވެ.

މި ނިޒާމުގެ ދަށުން، ކަސްޓަމަރުންނަށް އެމީހުންގެ ޕޭޕަލް ފައިސާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރުމަށްފަހު، ބޭންކް އެކައުންޓަށް ބަދަލުކުރުމާއި ނަގުދު ފައިސާ ނެގުމުގެ އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ޕޭޕަލްއިން އެމްފައިސާއަށް ފައިސާ ޓްރާންސްފާ ކުރުމުގައި އުރީދޫން ވަނީ ހާއްސަ ލުއިތަކެއްވެސް ދީފައެވެ.