އޭޑީކޭގެ ހައި ޑިޕެންޑެންސީ ޔުނިޓު (އެޗްޑީޔޫ) އިން ފަރުވާ ހޯދި ތިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމުން، ކަރަންޓީން ކުރި އެ ޔުނިޓުގެ ހުރިހާ މުވައްޒަފުންގެ ނަތީޖާ ވެސް ކޮވިޑަށް ނެގެޓިވް ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އޭޑީކޭގެ އެޗްޑީޔޫން ފަރުވާ ހޯދި ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން، އެ ޔުނިޓު ވަގުތީ ގޮތުން ބަންދުކޮށް ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި އެ ކޭސްތަކާ ގުޅިގެން އެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ތިބި ހުރިހާ ބަލި މީހުން ވެސް ވަނީ ކޮވިޑަށް ޓެސްޓު ކޮށްފަ އެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު "ވަން" އަށް މިއަދު ވިދާޅުވީ، އެ ހޮސްޕިޓަލުން ފެނުނު ޕޮޒިޓިވް ކޭސްތަކާ ގުޅިގެން އެޗްޑީޔޫގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ކަރަންޓީނު ކޮށްފައިވާ ކަމަށެވެ. އެއީ 14 މުވައްޒަފުން ކަމަށާއި އެ އެންމެންގެ ނަތީޖާ ވެސް ނެގެޓިވް ކަމަށް އަފްއާލު ވިދާޅުވި އެވެ.

"ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެޗްޑީޔޫގައި މަސައްކަތްކުރާ ހުރިހާ ސްޓާފުން ކަރަންޓީނުކޮށް، ޔުނިޓު ވަނީ ބަންދުކޮށްފަ. އެ ހުރިހާ ސްޓާފުންގެ ނަތީޖާތައް ނެގެޓިވް. ނަމަވެސް ޕްރިކޯޝަނަރީ ފިޔަވަޅެއްގެ ގޮތުން އެބޭފުޅުން ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރާނެ،" އައްފާލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެޗްޑީޔޫގައި މިވަގުތު އެއްވެސް ބަލިމީހަކު ނެތް ނަމަވެސް، އެތަނުން ދެން ހިދުމަތް ދެވޭނީ ކަރަންޓީނުގައި ތިބި މުވައްޒަފުން ނުކުތުމުން ކަމަށެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ތިބި ހުރިހާ ޕޭޝަންޓުންގެ ކޮވިޑް ސާމްޕަލް ނަގާފައިވާއިރު، އޭގެ ތެރެއިން ވެސް އެއްވެސް މީހަކު ކޮވިޑަށް ޕޮޒިޓިވް ވި ކަމުގެ މައުލޫމާތެއް ލިބިވަޑައިގެންފައި ނެތް ކަމަށް އައްފާލު ވިދާޅުވި އެވެ.

އެޗްޑީޔޫން ފަރުވާ ހޯދި ތިން މީހުންނަށް ބަލި ޖެހުނު ގޮތް އަދި ހޯދިފައި ނެތް ނަމަވެސް، އޭޑީކޭ އިން ވަނީ ހޮސްޕިޓަލަށް ޒިޔާރަތްކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދިނުމަށް އެދިފަ އެވެ.

އެގޮތުން އޭޑީކޭއަށް ވަންނަ އެންމެންގެ ހުން ބަލައި ހެދި ނަމަވެސް، ކޮންމެ މީހަކީ އަލާމާތް ހުންނަ މީހަކަށް ނުވެދާނެތީ، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ތިބޭ މީހުން ކައިރިއަށް ޒިޔާރަތް ނުކުރުމަށާއި އެފަދަ މީހުން ކައިރީގައި ވެސް ހޮސްޕިޓަލުގެ އުސޫލުތަކާ އެއްގޮތަށް އެކަކު މަޑުކުރުމަށް އޭޑީކޭ އިން އެދެ އެވެ.

އައްފާލު ވިދާޅުވީ، ކޮވިޑަށް އަޅާފައިވާ ފިޔަވަޅުތަކަށް ދިން ލުއިތަކާއެކު ހޮސްޕިޓަލަށް ޒިޔާރަތްކުރާ މީހުން އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ވިހައިގެން އުޅޭ މީހުންގެ ގާތަށާއި އިމަޖެންސީ ރޫމްފަދަ ތަންތަނަށް ގިނަ ބަޔަކު ޒިޔާރަތްކުރާއިރު، އެކަން އެގޮތަށް ނުކުރުމަށް އޭނާ އެވިޑައިގެންނެވި އެވެ.

އެފަދަ ކަންކަމުގެ ސަބަބުން ބަލި މީހުންނަށް ކޮންމެހެން ދޭން ޖެހޭ ފަރުވާ ދިނުމަށް ދަތިތަކެއް ދިމާވާނެތީ، ރައްކާތެރިކަމަށް އަޅާފައިވާ ފިޔަަވަޅުތަކާއި ހަދާފައިވާ އުސޫލުތައް ދޫކޮށް ނުލުން މުހިންމު ކަމަށް އައްފާލު ވިދާޅުވި އެވެ. އަދި އެއީ ބަލި މީހާ އާއި ހިދުމަތްތެރިންގެ ރައްކާތެރިކަމަށް އެޅިގެންދާނެ ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.