ކޮވިޑް ވެކްސިން ޖަހަން 19،000 އަށްވުރެ ގިނަ މީހުން ރަޖިސްޓަރީކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ވެކްސިން ޕޯޓަލްގައި ހުރިހާ ރައްޔިތުންވެސް ރަޖިސްޓަރީވުމަށް އެދޭ ކަމަށާއި ވެކްސިން ޖެހުމަށް ހުޅުވާލުމުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

"މިހާތަނަށް ކޮވިޑް ވެކްސިން ޖެހުމަށް 19،666 މީހުން ރަޖިސްޓްރީކޮށްފައިވޭ. އެއީ ދުވާލަކަށް ހާހެއްހައި މީހުން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް ވެކްސިން ޖެހުމަށް ރަޖިސްޓަރީ ކުރަން ޖެހޭނީ https://my.health.mv/ ޕޯޓަލްގައެވެ. އެ ޕޯޓަލްގައި ރަޖިސްޓަރީވުމަށް ފުރަތަމަ ހުޅުވާލީ ސިއްހީ ހިދުމަތްދޭ މަސައްކަތްތެރީންނަށެވެ. އެއީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

ޑރ. ނަޒްލާ މީގެ ކުރިން ވިދާޅުވީ، ޕޯޓަލްގައި ރަޖިސްޓްރީވުމުން ވެކްސިން ޖަހަން އެޕޮއިންޓްމަންޓް އެމީހެއްގެ ފޯނަށް އަންނާނެ ކަމަށާއި ޕޯޓަލް މެދުވެރިކޮށް އެމީހެއް ވެކްސިން ޖެހިކަމުގެ ޑޮކިއުމަންޓްވެސް ފެންނާނެ ކަމަށެވެ.

ކޮވިޑް ވެކްސިން ޖެހުމަށް ރަޖިސްޓަރީވުމަށް ހުޅުވާލާފައިވާ އިރު، ރާއްޖެއަށް ވަނީ އިންޑިއާއިން އުފެއްދި ކޮވިޑް ވެކްސިންގެ 100،000 ޑޯޒް ގެނެސްފައެވެ. ޑރ. ނަޒްލާ މީގެ ކުރިން ވިދާޅުވީ ވެކްސިނޭޝަން ޕްރޮގްރާމް ފަށާނީ ވެކްސިނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފަހުގައި ކަމަށެވެ. ނަމަވެސް ސީދާ ތާރީހެއް ވިދާޅެއް ނުވެއެވެ.