އޭޑީކޭގެ އެޗްޑީޔޫގައި ފަރުވާދިން ތިން ބަލި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އޭޑީކޭގެ ހައި ޑިޕެންޑެންސީ ޔުނިޓު (އެޗްޑީޔޫ) އިން ފަރުވާ ހޯދި ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން، އެޗްޑީޔޫ ވަގުތީ ގޮތުން ބަންދުކޮށް ޑިސްއިންފެކްޓް ކުރުމުގެ ކަންކަން ކުރަމުން އަންނަ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެ ތިން މީހުން ޕޮޒިޓިވްވުމުން ހޮސްޕިޓަލުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

"އޭޑީކޭގެ ހައި ޑިޕެންޑެންސީ ޔުނިޓުގައި ތިބި ނުވަތަ އެތަނުން ފަރުވާދިނުމަށްފަހު ދޫކޮށްލި މީހުންގެ ތެރެއިން ތިން މީހުން މިފަހުން ޕޮޒިޓިވްވުމާ ގުޅިގެން އެ ހޮސްޕިޓަލުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް އެބަ ކުރިއަށްދޭ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އެ ކޭސްތަކާ ގުޅިގެން އޭޑީކޭގައި އެޑްމިޓްކޮށްފައި ތިބި ހުރިހާ ބަލި މީހުން ކޮވިޑަށް ޓެސްޓުކޮށްފައިވާ ކަމަށެވެ. އަދި އެޗްޑީޔޫގައި ތިބި ބަލި މީހުންނާ ކޮންޓެކްޓުވި މުވައްޒަފުން ކަރަންޓީންކޮށް އެމީހުން ކޮވިޑަށް ޓެސްޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭގެން މީހަކު އަދި ޕޮޒިޓިވްވެފައެއް ނުވެއެވެ.

އޭޑީކޭގައި ފަރުވާދިން ތިން މީހަކު ޕޮޒިޓިވްވި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އޭޑީކޭއިން އެހެން ހިދުމަތްތައް ހޯދުމުގައި އެއްވެސް ހުރަހެއް ނެތް ކަމުގައިވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.