ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހު ހައިކޯޓުން ބާތިލު ނުކޮށްދީ، ލާމަރުކަޒީ ގާނޫނަށް އެ އިސްލާހު ގެނެސްފައިވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމައިފިއެވެ.

ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުނަށް ހާއްސަކުރުމަށް ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނަސްފައި ވަނީ ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގުތަކަކަށް އުނިކަން ލިބޭގޮތަށް ކަމަށްބުނެ އެއީ ގާނޫނުއަސާސީއާ ހިލާފުކަމެއް ކަމަށް ކަނޑައަޅައި އެކަމާބެހޭ މާއްދާތައް ގާނޫނުން އުނި ކުރުމަށާއި، ކައުންސިލް އިންތިހާބުގެ ގަވާއިދުންވެސް އެބައި އުނިކޮށް ދިނުމަށް ގާނޫނީ ވަކީލު މޫސާ އަންވަރު އިނގިރޭސި ވިލާތުގައި ހުންނަވައިގެން، ހައިކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގައި، 33 ޕަސެންޓު ގޮނޑި އަންހެނުންނަށް ހާއްސަ ކޮށްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ނޫންކަމަށް ކަނޑައަޅައި އެ މައްސަލަ ބެއްލެވި ހައިކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ވަނީ ހުކުމްކޮށްފައެވެ.

ހައިކޯޓުގެ އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިެުނާފު ކުރައްވާނެ ކަމަށް ވިދާޅުވެ، މޫސާ އަންވަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ހައިކޯޓުގެ ހުކުމުން ގާނޫނުއަސާސީގެ ހައްގުތަކުގެ ބާބު ކަފުން ކުރުމަށް ފުރުސަތު ލިބޭތީ އާއި، ގާނޫނު މާނަކުރުމުގެ ހަމަތަކާއި، އަދުލު އިންސާފު ގާއިމުކުރުމުގެ އަސާސީ މަގުސަދުތަކާ ހިލާފުވާތީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށެވެ.

ގާނޫނުއަސާސީގެ 16 ވަަނަ މާއްދާގެ (ނ)ގައިވާ ކަންތައްތަކަށް އެކަށީގެންވާ މިންވަރަކަށް ރިއާޔަތް ކުރެއްވުމެއް ނެތި އަދި މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އަންހެނުންނަށް ކޯޓާ ކަނޑައަޅާފައިވާ ގޮތަށް އެއްވެސް މިންވަރަކަށް ރިއާޔަތް ކުރުމެއްނެތި ހިތުހުރި ގޮތަކަށް ގާނޫނުއަސާސީ މާނަ ކުރެއްވުމަކީ ނުރައްކަލެެއް އަދި ގޯހެއް ކަމަށްވެސް އެ ހުކުމަށް އިޝާރާތް ކުރައްވައި މޫސާ އަންވަރު ވިދާޅުވިއެެވެ.

އަސާސީ ހައްގުތަކާއި މިނިވަންކަން ހިމެނޭ، ގާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ)ގައި ހިމެނެނީ އަސާސީ ހައްގުތަކާއި މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފަހައްޓާފައިވާނަމަ އެކަމެއް ހިފަހައްޓާފައިވަނީ ގާނޫނުުއަސާސީގައިވާ ގޮތުގެމަތިންތޯ ކަނޑައެޅުމުގައި ކޯޓުން ރިއާޔަތް ކުރަންޖެހޭ ކަންތައްތަކެވެ.